ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން މެލޭޝިއާގެ "ހެކްސްޓަރ ގްލޯބަލް" އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް އިދާރާގެ ސިވިލް ވާރކްސް މަސައްކަތްތައް ޙަވާލުކުރުމުގެ މަރުޙަލާ ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕްރޮޖެކްޓް ޑިޕާޓްމަންޓް ހިންގެވުމާ ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު ވިދާޅުވީ، މި އަހަރުގެ ޖަނަވަރީ 20 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރެވި، މިހާތަނަށް 13 އިދާރާއެއްގެ ބިންގާ އަޅާފައިވާ މި ޕްރޮޖެކްޓްގެ ސިވިލް ވާރކްސް މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްތައް މެދުވެރިކޮށް އިޢުލާންކުރުމަށްފަހުގައި ކަމަށެވެ. އަދި މި މަސައްކަތްތައް ޙަވާލުކުރުމުގައި އެ ރަށެއްގެ ގްރޫޕްތަކަށް އިސްކަންދިނުމަށް ހަމަޖެހިފައިވާކަން ވެސް ވަނީ ހާމަކޮށްދެއްވާފައެވެ.
"ސިވިލް ވާރކްސް މަސައްކަތްތައް ކުރުމަށްޓަކައި ސްކޯޕް ކަނޑައަޅައި، އެ ކަމަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކޮށް ބީއޯކިޔޫ ހެދުމުގެ މަސައްކަތް ކޮންޓްރެކްޓަރގެ ފަރާތުން މިހާރު އަންނަނީ ކުރަމުން" ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު
ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް ނިމޭއިރު، އެ އިދާރާތަކަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ސާމާނު މި ޕްރޮޖެކްޓްގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށާއި، މި އަހަރުގެ ތެރޭގައި 10 ކައުންސިލް އިދާރާއެއްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލަށް ޢިމާރާތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅުގެ ދަށުން އިސްކަންދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން 55 ރަށެއްގެ ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަސައްކަތް ހެކްސްޓަރ ގްލޯބަލްއާ ޙަވާލުކޮށްފައިވަނީ މި އަހަރުގެ ޖަނަވަރީ 20 ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން