ޔުއޭފާ ޗެމްޕިއަންސް ލީގުގައި ވަރުގަދަ ލިވަޕޫލް ކަޓުވާލުމަށްފަހު ޕީ.އެސް.ޖީ ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ލިވަޕޫލްގެ އެންފީލްޑް ދަނޑުގައި ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-0 ގެ ނަތީޖާ އަކުން ޕީ.އެސް.ޖީ ކުރީގަ އޮވެގެންނެއެވެ.
ފުރަތަމަ ލެގްގައި ޕީ.އެސް.ޖީ ދަނޑުގައި 1-0 ގެ ނަތީޖާ އަކުން ލިވަޕޫލް މޮޅުވެފަ އޮތުމުން އެގްރިގޭޓް ނަތީޖާ އިން ދެޓީމު އެއްވަރުވެ މެޗުގެ ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެއެވެ.މެޗުގެ ފުރިހަމަ ވަގުތު ފެނުނު ހަމަ އެކަނި ގޯލް 12 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފްރާންސްގެ ފޯވާޑް އުސްމާން ޑެމްބެލޭ އެވެ.މި އީ މި އަހަރު ފެށުނުފަހުން ޑެމްބެލޭ އެ ޓީމަށް ކާމިޔާބު ކޮށްދިން 21 ވަނަ ގޯލް އެެވެ.
ފުރިހަމަ ވަގުތު އަދި އިތުރު ވަގުތުގެ 30 މިނިޓުގެ ދެ ހާފް ނިމުމުން ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ޕީ.އެސް.ޖީ އިން ޖެހި 4 ޕެނެލްޓީ ވެސް ކާމިޔާބު ކުރިއެވެ.ލިވަޕޫލްގެ 03 ޕެނެލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީ އެކެވެ.
ޕީ.އެސް.ޖީގެ ޕެނެލްޓީތައް ކާމިޔާބު ކޮށްދިނީ ވިޓީނިޔާ، ރާމޯސް، ޑެމްބެލޭ އަދި ޑޯއު އެވެ.ލިވަޕޫލްގެ ނުނޭޒް އަދި ކާޓިސް ޖޯންސްގެ ޕެނަލްޓީ ޕީ.އެސް.ޖީގެ ކީޕަރ ޑޮނަރޫމާ މަތަކުރި އިރު އެ ޓީމަށް ކާމިޔާބު ކުރެވުނީ ހަމައެކަނި މުހައްމަދު ސަލާހް ޖެހި ޕެނެލްޓީއެވެ.މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕީ.އެސް.ޖީގެ އިޓަލީ ކީޕަރު ޑޮނަރޫމާ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާލާއިރު، އިޓަލީގެ އިންޓަރ މިލާންވެސް ވަނީ އަމިއްލަ ދަނޑުގައި ހޮލެންޑްގެ ފޭނޫޑް ބަލި ކުރުމަށް ފަހު ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފައެެވެ.އިންޓަރ ދަނޑުގައި ރޭ ކުޅުނު މެޗު 2-1 ގެ ތަފާތަކުން ކާމިޔާބު ކޮށް ކުއާޓަރ އަށް ދިޔައީ 4-1 ގެ އެގްރިގެޓް ނަތީޖާ އިންނެއެވެ.ރޭގެ މެޗުގައި އިންޓަރގެ ގޯލްތައް ކާމިޔާބު ކޮށްދިނީ ތުރާމް އަދި ހަކާން ޗަލްހަނޫލޫ އެވެ.
މިރޭވެސް މި މުބާރާތުގެ ދެވަނަ ބުރުގެ ފަހު މެޗުތައް ކުޅެވިގެން ދާނެއެވެ.މި ގޮތުން އެތްލެޓިކޯ އަދި ރެއާލް މެޑްރިޑް ބައްދަލު ކުރާ މެޗު ފާހަނގަ ކޮށްލެވެެއެވެ.
މި ލިޔުން ކިޔާލުމުން