އިދިކޮޅު ފަރާތްތަކުން، ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޭގައި ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ. ހަމައެހެންމެ ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރި ކަމަށްވިޔަސް، ފައިސާ ޗާޕުކުރުމުގެ އެއްވެސް ވިސްނުމެއް އަދުގެ ސަރުކާރުން ނުގެންގުޅުއްވާ ކަމަށް ވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާޙު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ މާލީ އަދި އިޤުތިޞާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެގެން ދިޔަ ކަމަށާއި މަޝްރޫޢުތައް ހިންގުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން މަތީ އިންޓަރެސްޓް ރޭޓުތަކުގައި ލޯނު ނެގުމުގެ ސަބަބުން ރާއްޖޭގެ ދަރަނި އެތައް ގުނައަކަށް ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ.
"އިޤުތިޞާދީ ގޮތުން ދިވެހިރާއްޖެ އޮތީ އެމްޑީޕީގެ ސަރުކާރުގައި އަދަވަޅަކަށް ވައްޓާލާފައި. އެމްޑީޕީގެ ވެރިކަމެއް ކުރުމަށްފަހު ދެން އަންނަ ބަޔަކު ކޮންމެ ފަހަރަކު މި ޖެހެނީ މި އަދަވަޅުން ނަގައި އިޤުތިޞާދު ކޮޅަށް ޖަހަން،" ފަލާޙު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ވަރަށް ނާޒުކު ފައްތަރެއްގައި އޮއްވާކަމަށް ފަލާޙު ފާހަގަކުރެއްވިއެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު އެންމެ ފުރަތަމަވެސް ފެއްޓެވީ ރާއްޖޭގެ އިޤުތިޞާދު އަލުން ކޮޅަށް ޖެއްސެވުމުގެ މަސައްކަތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަލާޙު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދެއްވީ ފައިސާ ޗާޕުނުކޮށް، ލިބޭ އާމްދަނީ އިތުރުކޮށް، ދަރަނި ދައްކަމުން އިޤުތިޞާދު ހަމަ މަގަށް އ މަގަށް އެޅުއްވުމަށް ކަމަށެވެ. އެ ގޮތުން މިހާތަނަށް އައިއިރު ސަރުކާރުން ވަނީ ފައިސާ ޗާޕުނުކޮށް ދިވެހި އިޤުތިޞާދު ހަރުދަނާ ކުރުމުގެ މަސައްކަތުގައި ކާމިޔާބީތަކެއް ހޯއްދަވާފައިކަންވެސް ފަލާހު ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުގެ ޚަރަދުތަކާއި ދަރަނި ފޫބެއްދުމަށްޓަކައި އެމްޑީޕީ ސަރުކާރުން ގިނައަދަދުން ފައިސާޗާޕުކުރުުމުގެ ނަތީޖާއަކީ ދިވެހި ރުފިޔާ އިތުރުވެ، ޑޮލަރުގެ ތާށިކަން ވަރަށް ބޮޑަށް ކުރިމަތިވެގެންދިއުމާއެކު ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެންދިޔައެވެ.
އެހެންނަމަވެސް ރައީސް ޑރ މުއިއްޒު ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކުހެން ވަނީ ފައިސާ ޗާޕުކުރުން ހުއްޓަލައި ޑޮލަރުގެ ތަނަވަސްކަން އިތުރުކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ޑޮލަރުގެ ތާށިކަމުން އަރައިގަތުމަށް ފަތުރުވެރިކަމުގެ ސިނާޢަތުން އެމްއެމްއޭއަށް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާބެހޭ ގާނޫނެއް އެކުލަވާލައި، އެގާނޫނަށް އަމަލުކުރަން ފެށްޓެވިފަހުން ތާށިކަން އައިސްފައި އޮތް ޑޮލަރުގެ މަައްސަލަވަނީ ހައްލުކުރެވިފައެވެ.
މި ލިޔުން ކިޔާލުމުން