މާލޭގެ ބާޒާރުގައި ކާށި މަދުވެ ކާށީގެ އަގު އުފުލިއްޖެ އެވެ.
ބާޒާރުގައި މިއަދު ވަނީ ކާއްޓެއްގެ އަގު 50ރ އަށް ވެސް އަރާފައެވެ.
ކާށީގެ އަގު އެވްރެޖްކޮށް މިއަދު ހުރީ 25ރ އާއި 40 ރުފިޔާ ދެމެދުގެ އަގެއްގައެވެ.
ކާށީގެ އަގާއި އެކު ފިހާރަތަކުންވިއްކާ ކާށި ހުނި ޕެކެޓްގެ އަގުވެސް ވަނީ އުފުލިފައެވެ.
އެހެން ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ އަގުމަގު ޕޯޓަލް އިން ދައްކަނީ ކާއްޓެއް 15 ރުފިޔާ އަށް ލިބެންހުރި ކަމަށެވެ.
މިއަދު ބާޒާރުގައި ވަނީ މަހުގެ އަގުވެސް އުފުލިފައެވެ. އެގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހު 35 ރުފިޔާއާއި 40 ރުފިޔާ ދެމެދު ކަންނެލި ހުރިއިރު، މިއަދު ކަންނެލި ހުރީ 40ރ އާއި 45ރ. ދެމެދު އަގެއްގައެވެ. އަދި ކަޅުބިލަ މަސް ވެސް ވިއްކަމުން ދިޔައީ މި އަގުގައެވެ.
ބާޒާރުގައި މިއަދު ފަތުގެ ބާވަތްތައް ތިޔާގިއެވެ.
ކަރާގެ އަގު ހުރީ ރޯދަމަހުގެ ފުރަތަމަ ދުވަހެކޭ އެއް އަގެއްގައެވެ. އެއީ ކިލޯ އެއް 25ރ އަށެވެ.
ބާޒާރުގައި މިދުވަސް ވަރު އަނބު ތިޔާގިކަން ފާހަގަކޮށްލެވެއެވެ. ދިވެހި އަނބު ކިލޯއެއް 90ރ އަށް ބާޒާރުން ލިބެއެވެ.
ރޯދަމަހަށް ޚާއްސަކޮށް ބާޒާރުގައި ތަކެތީގެ އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިއާއެކު ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ނިޔަލަށްވެސް ތަކެތީގެ އަގު އުފުލިޔަ ނުދޭ ހިފެހެއްޓުމެވެ. އެގޮތުން އަގު އުފުލޭތަކެތި ބާޒާރުގައި މަދުވާނަމަ އެތަކެތި ގެނެސް ވިއްކާ އަގު ހިފެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ލިޔުން ކިޔާލުމުން