ދިވެހީންގެ ހަނދާންތަކުގެ ތެރޭ މަޝްހޫރުވެފައިވާ ބޮޑުވިއްސާރައަކީ ސްރީލަންކާގެ ކައިރީގައި އުފެދުނު ތޫފާނެއްކަމަށް، ދިވެހި ޤައުމިއްޔަތުގެ އިސްވަރުން އިންތިޒާމުކޮށްގެން ބޭއްވި އިރުވައި މޫސުމުގެ ހިޔަވިހާ ނަކަތުގެ ސިންތާގައި އެ ސިންތާގެ ދާރިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެއެވެ. މޫސުމީ ތަޖުރިބާކާރެއްކަމުގައިވާ ޙުސައިން ވަޙީދަކީ 24 އޮގަސްޓު 1998 އިން ފެށިގެން މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި މީޓިއޮރޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ، އެ ދާއިރާއިން މަތީތަޢުލީމު ހާސިލްކުރައްވައި، ދިރާސާތައް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ދިވެހީންގެ ރާއްޖެއާއި ދިވެހީންނާއި، ދިވެހީންގެ ތާރީޚާއި ބަހާއި ސަގާފަތާއި ދީނާ މި ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާ ގުޅިފައިވާ ކަންކަމަށް ޒަަމާނީ ޢިލްމީ މިންގަނޑުތަކުން ބަލަން ފެށުމެވެ.
އިއްޔެގެ ސިންތާގައި ހުސެންގެ ހުށަހެޅުމުގައި ކޭލަކުނު ތަޅާލި ވިއްސާރަޔާއި ބޮޑުވިއްސާރަޔާއި ފުވައްމުލަކާއި ބ. ތުޅާދުއަށް ކުރިމަތިވި ދެ ކާރިސާއަކާއި ސުނާމީ ކާރިސާގެ މައްޗަށް ބައްލަވައިލެއްވިއެވެ. ކުރިން އާންމު ވެފައިވަނީ އެ ކަންކަމުގެ ހަމައެކަނި ތާރީޚީ މަޢުލޫމާތުކަމުގައި ވިޔަސް، ޙުސައިން ވަނީ އެ ކަންކަމުގެ ސައިންޓިފިކު ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ބޮޑު ވިއްސާރައަކާ ބެހޭ ގޮތުން ޙުސައިން ވިދާޅުވި ގޮތުގައި ސްރީލަންކާ ކައިރީގައި ކޮޅިގަނޑެއް އުފެދި، އެ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ރާއްޖެއާ ކައިރިއަށް ޖެހެމުން އައިސް، ރާއްޖޭގެ އުތުރުން ޢަރަބި ކަނޑުގައި ތޫފާނަކަށް ބަދަލުވީއެވެ. މިގޮތުން މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވީ 25 ޑިސެންބަރު 1923 ގައެވެ. ރާއްޖެއަށް އެންމެ ނުރައްކާ ބޮޑުވީ 26 ޑިސެންބަރު 1923ގައެވެ. މި ބާރުގަދަ ތޫފާނު ވަނީ ޑިސެންބަރު 28 ވަނަ ދުވަހާ ހަމައަށް ދެމިގެންގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ދިވެހި ޤައުމިއްޔަތުގެ އިސްވަރުން ކުރިޔަށް ގެންދެވި މި ސިންތާގެ މި ފަހަރުގެ މައުޟޫޢަކީ ''ދިވެހީން ތަޖުރިބާކުރި މޫސުމީ ކާރިސާތަކަށް ޢިލްމީ ކަޅިއެއް'' މިއެވެ. މި ފަހަރުގެ ސިންތާގައި ޢިލްމީ ގޮތުން ތަފުސީލު ހުށަހެޅިގެން މި ދިޔައީ ޤަރުނަކަށްވުރެ ގިނަ ދުވަސްވެފައިވާ ބިރުވެރި ކާރިސާއަކަށެވެ. ބޮޑުވިއްސާރާގައި އެތައް ބަޔަކު ދުނިޔެ ދޫކުރަން ޖެހުމުގެ އިތުރަށް، ރާއްްޖޭގެ 32 ރަށެއް މުޅިން ފަޅުވިކަމަށްވެއެވެ.
ސިންތާއަށް ވަޑައިގަތް ބައެއް ފަރާތްތަކުން ހާމަކުރެއްވި ގޮތުގައި ކުރިން ހަމައެކަނި ދިވެހީންގެ ރައިވަރުތަކުންނާއި މުސްކުޅިންގެ ވާހަކަތަކުން ދޫދޫމަތިން އިވިފައިވާ މި ކަހަލަ ހާދިސާތަކުގެ ވާހަކަ، ޒަމާނީ ސައިންސްގެ އަލީގައި ހުޅަހަޅައިލުމަށް ދިވެހި ޤައުމިއްޔަތުގެ އިސްވަރުން ކުރިޔަށް މި ގެންދަވާ ސިލްސިލާގެ ސަބަބުން ކުރިން މި ކަންކަމާ މެދު ދެކެވެމުން އައި ނަޒަރު މުޅިން ބަދަލުވެއްޖެއެވެ. ދިވެހީންގެ ތާރީޚުގެ ހަގީގަތްތަކަށް ވަދެގެންދާން ޝައުޤުވެރިކަން އުފެދިއްޖެއެވެ.
މި ލިޔުން ކިޔާލުމުން