އިނގިރޭސި ވިލާތުގެ އެމާ ރަޑުކާނޯ އަބޫދާބީ އޯޕަން ޓެނިސް މުބާރާތުގައި ކޮލިފައިން ކުޅެން ނުޖެހި ސީދާ ގުރަށް ގޮސްފިއެވެ.
މި މުބާރާތުގައި އުމުރުން 22 އަހަރުގެ ރަޑުކާނޯ ފުރަތަމަ ބުރުގައި ބައްދަލު ކުރަން ޖެހޭނީ 2023 ވަނަ އަހަރުގެ ވިމްބަލްޑަން ޗެމްޕިއަން ، ޗެކް ރިޕަބްލިކްގެ ވޮންޑްރޮސޯވާ އާއި އެވެ. ސިއްހީ މައްސަލަތަކަކާއި ގުޅިގެން އެމާގެ ކޯޗް އިސްތިއުފާ ދިނުމުން މި މުބާރާތުގައި އޭނާ ވާދަ ކުރާނީ ފިޓްނަސް ޓްރެއިނަރުގެ އިރުޝާދު ދަށުންނެއެވެ.
ދުނިޔޭގެ ޓެނިސް ރޭންކިންގެ 56 ވަނައިގައި އޮތް ރަޑުކާނޯ މި އަހަރު އޮސްޓްރޭލިއަން އޯޕަންގެ 3 ވަނަ ބުަރަށް ދަތުރުކުރި ނަމަވެސް ފާއިތުވި ހަފްތާގައި ވަނީ ސިންގަޕޯ އޯޕަންގައި ފުރަތަމަ ބުރުން ބަލިވެ ކަޓާފައެވެ. ތިން ގަޑި އިރަށް ދިގު ދެމިގެންދިޔަ އެ މެޗް ކާމިޔާބު ކުރީ މޮލްޑޯވާގެ ކްރިސްޓީނާ ބުކްޝާ އެވެ.
2021 ވަނަ އަހަރުގެ ޔޫ.އެސް އޯޕަން ދުނިޔެ ހައިރާން ކޮށްލުމަށްފަހު ކާމިޔާބު ކުރި ފަހުން އަނިޔާގެ މައްސަލަ ދިމާވެ ރަޑުކާނޯ އަށް އެންމެ އެދެވޭ ކުޅުން ދެއްކިފައިނުވެއެވެ. މީގެ ހަތަރު އަހަރު ކުރިން ނިއުޔޯކުގައި ކުޅުނު އެ މުބާރާތުގައި ރަޑޫކާނޯ ވަނީ ކޮލިފައިންގައި ތިން މެޗު އަދި ގުރުއަތުން ދިމާވި ހަތް މެޗް ކާމިޔާބުކޮށް، ގްރޭންޑް ސްލޭމް މުބާރާތެއް ސެޓަކުން ބަލިނުވެ ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ތާރީހުގެ ތެރެއަށް ވަދެފައެވެ.
''ކޮލިފައިން ކުޅުމަކީ އަހަރެން ދެކޮޅު ކަމެއް ނޫން އަދި އެ މެޗްތައް ކުޅުމުން ކޯޓަށް ހޭނުމަށް ފަސޭހަވެގެން ދޭ" ރަޑުކާނޯ ބުންޏެވެ. މީގެ އިތުރުން ސީޑް ކުރެވިފައިވާ ކުޅުންތެރިޔަކާ އެކީ ކުޅެން ލިބިއްޖެ ނަމަ އިތުރަށް ލޯ ހުޅުވިގެންދާ ކަމަށްވެސް އޭނާ ބުންޏެއެވެ.
އަބޫދާބީ އޯޕަންގައި ސީޑް ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގެ ރޭންކިން ފަސް ވަނައިގައި އޮތް ރަޝިޔާގެ އެލީނާ ރިބަކީނާ އާއި އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލިސްޓް ސްޕެއިންގެ ޕައުލާ ބަޑޯސާ ، އަދި އިނގިރޭސި ވިލާތުގެ އެއް ވަނަ ކުޅުންތެރިޔާ ކޭޓީ ބޫލްޓާ ހިމެނެ އެވެ.
މި ލިޔުން ކިޔާލުމުން