މަރުވި މީހުންގެ ހަނދާނުގައި ސުކޫތު ގެނައުމަކީ ބިދުޢައެއް ކަމުގައި ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއް ލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރުވި މީހުންގެ ހަނދާނުގައި ސުކޫތު ގެނައުމަކީ ޣައިރުމުސްލިމުންގެ ފަރާތުން ކޮޕީކޮށްގެން ކުރާ ބިދުޢަވީ ޢަމަލެއް ކަމަށެވެ.
މަރުވި މީހުންގެ ހަނދާނުގައި ސުކޫތު ގެނައުމަކީ ޣައިރުމުސްލިމުންގެ ފަރާތުން ކޮޕީކޮށްގެން ކުރާ ބިދުޢަވީ ޢަމަލެއް! މިފަދަ ޢަމަލުތަކުގެ ޙަޤީޤަތް @MMuizzu
އަށް ބުނެދިނުމަކީ @MVIaffairs ގެ ޒިންމާ އެއް. ޙައްޤުބަސް ފާޅުކުރައްވާ.— Dr.Mohamed Iyaz (@dr_iyaz) December 26, 2024
ޑރ. އިޔާޟް ވިދާޅުވީ، މިފަދަ ޢަމަލުަުގެ ޙަޤީޤަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބުނެދިނުމަކީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ޒިންމާއެއް ކަމަށެވެ. އަދި ޙައްޤު ބަސް ފާޅުކުރެއްވުމަށްވެސް ޑރ. އިޔާޟް ވަނީ ގޮވާލައްވައިފައެވެ.
ޑރ. އިޔާޟް މިހެން ވިދާޅުވިއިރު، ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ވަނީ ސުކޫތެއް ގެނެސްފައެވެ. އަދި މި ސުކޫތުގައި ރައީސް ޑރ. މުޢިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައިސުލްޖުމްހޫރިއްޔާ ނިކުމެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުން، ކުރީގެ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ. އެ ސަރަހައްދުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މާލެ ސަރަހައްދުގެ އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީސްތަކުން ބޭރަށް ނުކުމެވަޑައިގެން މި ސްކޫތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
2004 ޑިސެންބަރު ގެ ސުނާމީއަށް މިއަދު 20 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރު ކޮށްފައިވެއެވެ. އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީފާހަގަކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން