ފްރާންސްގައި ކުރިން ބޮޑުވަޒީރު ކަން ކުރެއްވި ދެ ބޭފުޅުން ކެބިނެޓުގައި ހިމަނައި ފްރާންސްގެ އައު ސަރުކާރު އެކުލަވާލައިފިއެވެ.
މިއީ، މިއަހަރުގެ ތެރޭގައި ފްރާންސް ސަރުކާރު އެކުލަވާލެވުނު ހަތަރުވަނަ ފަހަރެވެ.
އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އައްޔަންކޮށްފައިވަނީ އުމުރުން 73 އަހަރުގެ ފްރާންސުއާ ބެއިރޫ އެވެ. ފްރާންސް ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރުގެ މަޤާމަށް ޢައްޔަނުކުރެއްވީ، ކުރިން ބޮޑުވަޒީރު ކަން ކުރެއްވި އެލިޒަބަތު ބޯން އެވެ. މީގެ އިތުރުން އޯވަސީސް ޓެރިޓަރީސް މިނިސްޓަރުކަމުގެ މަޤާމަށްވެސް އައްޔަންކޮށްފައިވަނީ ކުރީގެ ބޮޑުވަޒީރުކަން ކުރެއްވި މެނުއެލް ވޯލްސް އެވެ.
އެ ޤައުމުގެ ސަރުކާރުގައި ހިމެނެނީ ބޮޑުވަޒީރުގެ އިތުރުން 10 މިނިސްޓަރުންނެވެ.
ބޮޑުވަޒީރު ފްރާންސުއާ ބެއިރޫ ބޮޑުވަޒީރުކަމުގެ މަޤާމާއި ޙަވާލުވެފައިވަނީ ފްރާންސް މިހާރު ވެއްޓިފައި އޮތް ސިޔާސީ ހަމަނުޖެހުމުން ސަލާމަތް ކުރުމުގެ ބުރަ ޒިންމާ އާ އެކުގައެވެ. އޭނާ އަށް މަޤާމް ޙަވާލުކުރީ ކުރިން އެ މަޤާމުގައި ކުރިން ހުންނެވި މިޝެލް ބާނިއޭގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް، މިމަހުގެ 5 ވަނަ ދުވަހު މަޤާމުން ވަކި ކުރުމުންނެވެ.
ބާނިއޭ އާ މެދު، އިދިކޮޅު ޕާޓީން ނުރުހުނީ، އަންނަ އަހަރުގެ ބަޖެޓާ ގެ ކޯޅުން ބޮޑުވެ، ސޯޝަލް ސަރވިސް ބަޖެޓު މަޖިލީހުގެ ވޯޓަށް ނާހައި ފާސްކުރުމުންނެވެ. ބާނިއޭއާ ދެކޮޅަށް ހުށަހެޅި ހުށަހެޅުމަށް ތާއީދުކޮށް މަޖިލީހުގެ މެންބަރުން ވޯޓު ދެއްވީ ބޮޑު ވަޒީރުކަމުގެ މަގާމަށް ބާނިއޭ އައްޔަން ކުރެއްވިތާ އެންމެ ތިން މަސް ދުވަސް ވީތަނާއެވެ.
ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި އައު ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ގެންޖެހުމަކީ 2025 ގެ ބަޖެޓް ފާސްކުރުމެވެ.
މި ލިޔުން ކިޔާލުމުން