ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާއި ގުޅިގެން އެޤައުމުގައި ހިންގި އަނިޔާވެރި މުޒާހަރާތަކުގައި 25 މީހެއްގެ މައްޗަށް ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ. ހުކުމް އިއްވާފައި ވަނީ އަސްކަރީ މަރުކަޒުތަކަށް ގެއްލުންދިން ކަމުގެ ކުށް ސާބިތުވެގެންނެވެ.
މިދިޔަ އަހަރު އެ ޤައުމުގެ އަސްކަރީ ތަންތަނަށް ދިން ހަމަލާތަކާއި ގުޅިގެން ދެ އަހަރާއި 10 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް މި 25 މީހުންނަށް ވަނީ އިއްވާފައެވެ.
އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) އިން ވަނީ މި ޙުކުމްތައް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.
މިދިޔަ އަހަރުގެ މެއި މަހު ޕާކިސްތާނުގައި މުޒާހަރާތައް ފެށީ، އޭނާ އާއި ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާއަކާ ގުޅިގެން ހައި ކޯޓަށް ހާޒިރުވި އިރު ސަލާމަތީ ބާރުތަކުން އިމްރާން ޚާން ހައްޔަރުކުރުމާއި ގުޅިގެންނެވެ. އެ ދައުވާއަކީ ސިޔާސީ ގޮތުން އުފުލާފައިވާ ދައުވާއެއްކަމަށް އިމްރާން ޚާން ނިސްބަތްވާ ޕާޓީން އަދި އޭނާ ވެސް އަންނަނީ ބުނަމުންނެވެ.
މިދިޔަ އަހަރު މުޒާހަރާގެ ބައިވެރިންގެ ތެރެއިން 1400 މީހުން ހައްޔަރު ކުރިއެވެ. އެހެން ނަމަވެސް ބަންދުގައި ތިބި މީހުންގެ ތެރެއިން އަސްކަރީ ޝަރީއަތަށް ހުށަހެޅީ 100 ވަރަކަށް މީހުންނަށެވެ. އެ ޤައުމުގެ ސިފައިން ބުނީ މިކަމުގެ ފުރިހަމަ އިންސާފު ލިބޭނީ މުޒާހަރާތަކުގެ ފަހަތުގައި ތިބި މީހުންނަށް އަދަބު ލިބުމުން ކަމަށެވެ.
ޕާކިސްތާނުގައި 2018 އިން 2022 އަށް ބޮޑުވަޒީރުކަން ކުރެއްވި އިމްރާން ޖަލަށް ލާފައިވަނީ ކޮރަޕްޝަންގެ ކުށްތަކާއި ހަމަނުޖެހުން އުފެއްދުން ފަދަ އެކި ކަންކަމާ ގުޅުވައި އިއްވި ހުކުމްތަކަށެވެ. ނަމަވެސް އިމްރާން އަބަދުވެސް ވިދާޅުވަނީ މި ހުރިހާ ކަމެއް ގުޅިފައިވަނީ އޭނާ ވެރިކަމުން ދުރުކުރުމާއި އަލުން އެނބުރި ވެރިކަމަށް އަޔަ ނުދިނުމާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން