24 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް މިއަދު އިފުތިތާޙުކޮށްފިއެވެ.
މި ކޭމްޕް އިފުތިތާޙު ކުރުމުގެ ގޮތުން ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ)ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމެވެ.
މިއަދުން ފެށިގެން 2025 ޖަނަވަރީ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ 44 ސްކޫލަކުން 120 ކެޑޭޓުން ބައިވެރިވާއިރު، އޭގެ ތެރޭގައި 66 ފިރިހެން އަދި 54 އަންހެން ކެޑޭޓުން ހިމެނޭ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހިމް ވަނީ ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކޮންމެ ކެޑޭޓަކު ވެސް ހިތްވަރާ އެކު މަސައްކަތްކޮށް، ކޭމްޕްގައި އުނގަންނައިދޭ ޢިލްމާއި ހުނަރުގެ ބޭނުން ޢަމަލީ މައިދާނުގައި ހިފުމަށް ވަނީ ނަޞޭޙަތްތެރިވެލައްވައިފައެވެ. އޭގެ އިތުރުން ކޮންމެ ކެޑޭޓަކު ވެސް ވާދަވެރި ރޫޙެއްގައި ކޯހުން ވަނަ ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ވެސް ހިތްވަރުދެއްވިއެވެ.
ރަސްމިއްޔާތުގައި މަރުހަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ކޭމްޕްގެ ކޮމާންޑަރ، ކެޕްޓަން އަޙްމަދު ވިޝާނެވެ. އަދި ވަޢުދު ލައިދެއްވީ ކެޑޭޓް ކޭމްޕްގެ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން ޙަސަން އަކްރަމެވެ. މީގެ އިތުރުން ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޭމްޕްގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ފަސްޓް ސާޖަންޓް އަޙްމަދު ލަޠީފްއެވެ.
މި ކޭމްޕްގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޭމްޕްގެ އެންމެހައި އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ކަންކަން ހަމަޖައްސަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަރާތުންނެވެ. މީގެ އިތުރުން ސްކޫލުތަކާ ގުޅިގެން ހަމަޖައްސަންޖެހޭ ކަންކަން ތަޢުލީމީ ވުޒާރާގެ ލަފަޔާއި އިރުޝާދުގެ މަތިން ހަމަޖައްސާ ފަރާތަކީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރއެވެ. މި ކޭމްޕުގެ މުއްދަތުގައި އެމްއެންސީސީގެ ފަރާތުން އެކަމަށް ކަނޑައެޅޭ މުދައްރިބުން ގިރިފުށީގައި ހަރަކާތްތެރިވާނެއެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި މި ކެޑޭޓް ކޭމްޕްގެ މަޤުޞަދަކީ، މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމަޢަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެވެރި ބަޔެއްގެ ގޮތުގައި ބިނާކޮށް، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙް އާލާކޮށް ދިރުވުމެވެ. މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފު ކޮށްދިނުމާއި ޤައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުންވެސް ކޭމްޕްގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ރަސްމިއްޔާތުގައި އެޖުޓަންޓް އޮފް އެމްއެންސީސީ އަދި އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް ޔޫސުފް ރަޝީދުއާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މުދައްރިބުންނާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ޓްރެއިނިންގ އެންޑް ކޯޑިނޭޝަން އޮފިސަރ، ސާޖަންޓް މޭޖަރ ޒުޙައިރު ޙުސައިންއާއި، އެންސީއޯ އެކެޑަމީގެ ޑެޕިއުޓީ ޑައިރެކްޓަރ، ކޮމާންޑް ސާޖަންޓް މޭޖަރ އިބްރާހީމް ޢަބްދުﷲގެ އިތުރުން އެމްއެންސީސީގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
މި ލިޔުން ކިޔާލުމުން