ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބޫޓާންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރަސްގެފާނު ޖިގްމޭ ކޭސާރް ނަމްގްޔެލް ވަންގޗުކް އާއި، ބޮޑުވަޒީރު ޝެރިންގ ތޮބްގޭއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު ފޮނުއްވި ސިޓީތަކުގައި ވަނީ، މި މުހިންމު މުނާސަބަތުގައި، ދިވެހި ރައްތިތުންނާއި ސަރުކާރުގެ ނަމުގައި ރަސްގެފާނާއި، ބޮޑުވަޒީރާއި ބޫޓާންގެ ސަރުކާރާއި ރައްޔިތުންނަށް މަރުހަބާއާއި، ތަހުނިޔާ ފޮނުއްވައިފައެވެ.
މީގެއިތުރުން ރައީސްގެ ސިޓީތަކުގައި ވަނީ، ރަސްގެފާނާއި ބޮޑުވަޒީރު ފުރިހަމަ ސިއްހަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެންފައެވެ. އަދި ބޫޓާނުގެ ރައްޔިތުންނަށް ތަރައްގީއާއި، ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
މިދިޔަ މަހު ކުރިއަށްދިޔަ 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް29) ގެ ހަވާސާގައި ރައީސް ވަނީ ބޫޓާންގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ދެބޭފުޅުން ވަނީ މޫސުމީ މައްސަލަތަކުގައި، ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޑުއުފުލުމުގައި އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ. އަދި ފަންނީ މައުލޫމާތާއި، ކާމިޔާބު ތަޖުރިބާތައް ހިއްސާކުރުމަށާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމަށް ވެސް އެއްބަސްވެވަޑައިގަންނަވާފައެވެ.
މީގެއިތުރުން ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށާއި، އިންވެސްޓްމަންޓްގެ ދާއިރާގައި އެއްބާރުލުންދިނުމަށް ވެސް، ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ބޫޓާންގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހެވެ. ރާއްޖެއާއި ބޫޓާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 13 ޖުލައި 1984 ގައެވެ.
މި ލިޔުން ކިޔާލުމުން