ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން
(ސާކް) ގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި، ޝާމިލުވުން އިތުރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު މި ޔަގީންކަން ދެއްވީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ "ސާކް ޗާޓަރ ޑޭ" ގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ވަނީ، ސާކްގެ ސެކްރެޓަރީ ޖެނެރަލަށާއި، ސާކްގެ ސެކްރެޓޭރިއެޓަށާއި، ސާކާ ގުޅިފައިވާ ހުރިހާ މުއައްސަސާތަކަށާއި، ދެކުނު އޭޝިއާގެ ގައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފައެވެ.
އެމަނިކުފާނުގެ މެސެޖުގައި ވަނީ ސަރަހައްދީ ސުލްހަމަސަލަސްކަމާއި ތަމައްދުން ހާސިލުކުރުމަށްޓަކައި ސާކް ޗާޓަރުގައި އެކަށައަޅާ ބަޔާންކޮށްފައިވާ އުސޫލުތަކާއި އަސާސްތަކަށް އަލިއަޅުއްވާލައްވައިފައެވެ. އަދި ދެމެހެއްޓެނިވި ތަރައްގީއާއި އުފެއްދުންތެރިކަމާއި ވިލުންތެރި ބިނާރުތަކަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް
އަލިއަޅުއްވާލައްވާފައިވެއެވެ.
މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، އާންމު ސިއްހަތާއި، އިގުތިސާދީ ހަމަހަމަކަން ފަދަ، ނާޒުކު މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްތައް އާ ބާރެއްލައިގެން ކުރެއްވުމަށް ރައީިސްގެ މެސެޖުގައ އެދިވަޑައިގެންފަައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ ދެކުނު އޭޝިއާގެ ރައްޔިތުންނަށް އުފާވެރި، އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ސާކްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި، ޝާމިލުވުން އިތުރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން