ޔޫއެފާ ނޭޝަންސް ލީގުގައި ރޭ އިޓަލީ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ފްރާންސް ގްރޫޕުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.
މިމެޗުން ފްރާންސް މޮޅުވީ 3-1 ގެ ނަތީޖާ އަކުންނެވެ.
އިޓަލީގެ، މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފަ އެވެ. މި މެޗުގެ ދެވަނަ މިނިޓުގައި ފްރާންސްގެ އެޑްރިއަން ރަބިއޯ ވަނީ ލަނޑުޖަހައިދީ ކުރި ހޯދާފަ އެވެ. އަދި 33 ވަނަ މިނިޓްގައި، އިޓަލީގެ ކީޕަރު ވިކާރިއޯ ހެދުނު ގޯހަކުން ބައިކޮޅަށް ލަނޑެއް ވަދެ ފްރާންސް އަށް ލީޑު ފުޅާ ކުރަން ފުރުސަތު ލިބިފައި ވެއެވެ.
ނަމަވެސް އޭގެ ދެ މިނިޓު ފަހުން އިޓަލީގެ އެންޑްރިއާ ކެމްބިއާސޯ ވަނީ ލަނޑެއް ޖަހައިދީ އިޓަލީ އަށް އުންމީދު އައު ކޮށްދީފަ އެވެ.
އަދި ފްރާންސްގެ ރަބިއޯ ވަނީ އެނާގެ ދެވަނަ ލަނޑު، ފްރާންސްގެ 3 ވަނަ ލަނޑު، 65 ވަނަ މިނިޓްގައި ޖަހައިދީފަ އެވެ. މިއީ ފްރާންސްގެ ގައުމީ ޓީމަށް އޭނާ އެއް މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މި މެޗު ފްރާންސް އިން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ގްރޫޕުގައި ކުޅުނު ހަ މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. އިޓަލީއަށް ވެސް ހަމަ މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު ފްރާންސަށް އެއްވަނަ މަގާމު ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ފްރާންސުން ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ކުއާޓަރ ފައިނަލަށް ކޮލިފައި ވެފައި ވާއިރު، އިޓަލީ ވެސް ވަނީ ކުއާޓަރ ފައިނަލަށް ކޮލިފައި ވެފައެވެ.
މި ލިޔުން ކިޔާލުމުން