Thursday, October 22
ސީރިއާގައި އިސްރާއީލު ސިފައިން ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ޝަހީދުކޮށްލައިފި

ސީރިއާގެ ހުޅަނގު ދެކުނުގައިވާ ދަރްޢާ ޕްރޮވިންސްގެ ޖަމްލާ އަވަށަށް އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި، ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ޝަހީދުކޮށްލައިފިއެވެ.

ސީރިއާގެ ރަސްމީ ނިއުސް އެޖެންސީ "ސަނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިން ވަނީ ޖަމްލާ އަވަށަށް ވަދެގަނެ، އާންމުން ދިރިއުޅޭ ގެތަކުގެ ފުރާޅުތަކުގެ މައްޗަށް ސްނައިޕަރުން އަރުވާފައެވެ. އެ މީހާ ޝަހީދުވީ ސްނައިޕަރެއްގެ ހަމަލާއަކުން ކަމެއް ނުވަތަ މަގުމަތީގައި ތިބި ސިފައިން ދިން ބަޑީގެ ހަމަލާއަކުން ކަމެއް ސާފުވެފައި ނުވާއިރު، އޭނާގެ ހަށިގަނޑު ވަނީ ދަރްޢާ ނޭޝަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ސީރިއާގެ "އަލް އިޚްބާރިއްޔާ" ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ 15 އަސްކަރީ ވެހިކަލް ބައިވެރިވި މި އޮޕަރޭޝަނުގައި، އެ އަވަށަށް ވަދެވޭ މައި މަގެއްގެ ކޮންޓްރޯލް ވެސް އިސްރާއީލުން ވަނީ ނަގާފައެވެ. އަދި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވަކި އަމާޒެއް ނެތި ބަޑިޖަހާފައިވާ ކަމަށް ވެސް އެ ޗެނަލުން ބުނެފައިވެއެވެ.

މީގެ ސަބަބުން އަވަށުގެ ރައްޔިތުން ވަނީ ބިރުވެރިކަމާއެކު ގޭގޭގައި ބަންދުވެފައެވެ.

އިސްރާއީލުން ސީރިއާގެ ދެކުނުގެ ސަރަހައްދުތަކުގައި އަސްކަރީ ބާރު ދަމަހައްޓަމުން އަންނައިރު، ނަތަންޔާހޫގެ ސަރުކާރުން ވަނީ އެ ސަރަހައްދުތަކުން ފޭބުމަށް ދެކޮޅު ހަދާފައެވެ.

އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރު ވޮލްކާ ޓާކް ހާމަކުރައްވާފައިވާ ގޮތުގައި، ސެޕްޓެމްބަރު މަހު އެކަނިވެސް ސީރިއާގެ ތެރޭގައި އިސްރާއީލު އަސްކަރިއްޔާއިން މިފަދަ 280 ހާދިސާ ހިންގާފައިވެއެވެ. އަދި މި އޮޕަރޭޝަންތަކާ ގުޅިގެން ސީރިއާގެ 50 އެއްހާ މީހުން އަދިވެސް ތިބީ އިސްރާއީލުގެ ބަންދުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު