ރައްކާތެރިކުރުމުގެ އަމުރަކާ ޚިލާފުވި މީހަކު ހަ މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، އދ. ދަނގެތި، މަލަސް، މުސްތަފާ އަލީ ވަނީ ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވުމުގެ ކުށުން ކުށްވެރިވެފައެވެ.
އެހެންކަމުން، އޭނާ ހަ މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށް ވެސް ކުރިމިނަލް ކޯޓުން ބުނެފައިވެއެވެ.
ރައްކާތެރިކުރުމުގެ އަމުރަކީ ގެވެށި އަނިޔާގެ އަމަލެއް ހިނގާ ހިނދު، އެ އަމަލުގެ ޝިކާރައަކަށްވާ މީހާ، އެފަދަ އަނިޔާގެ އަމަލެއް ތަކުރާރުވުމުން ސަލާމަތްކޮށް، އެ ފަރާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ.
މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، މި މައްސަލައިގެ ރިޕޯޓް ކުރިމިނަލް ކޯޓުގެ ވެބްސައިޓަށް އަޕްލޯޑްކޮށްފައެއް ނުވެއެވެ.






