ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނޭޕާލަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 38 މީހުން މަރުވެ، 29 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ.
ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ވެރިރަށް ކަތަމަންޑޫ ހިމެނޭ ގޮތަށް ނޭޕާލުގެ އެކި އަވަށްތަކުގައި ހެލިކޮޕްޓަރުންނާ ބޯޓުތަކުގައި 3000 އަށްވުރެ ގިނަ ސެކިއުރިޓީ އޮފިސަރުން މިހާރުދަނީ ހަރަކާތްތެރިވަމުންނެވެ.
ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރާ މޫސުމީ ވިއްސާރައިގައި، ކޮންމެ އަހަރަކު ވެސް ހިމަލަޔާ ސަރަހައްދުހައި ހިމެނޭ ގައުމުތަކާއި، ދެކުނު އޭޝިއާގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެ އެކި އެކި ގެއްލުންތައް ލިބެއެވެ. ހަމަ މިއާއެކު ފާއިތުވި އަހަރުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ.
ފެންބޮޑުވި މަންޒަރު ފެނުނު ނޭޕާލުގެ ޓްރަކް ޑްރައިވަރަކު ބުނި ގޮތުގައި، ރޭގަނޑު ދަންވަރު އޭނާ ބޭރަށް ނިކުތްއިރު ވެސް އޭނާގެ ކޮނޑާ ހަމައަށް ފެން ބޮޑުވެފައިވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭޕާލަށް ކުރާ ވިއްސާރައިގެ ފްރީކުއެންސީ އިތުރުވެފައިވާއިރު، މި ވިއްސާރަތަކުގައި ވާރޭ ވެހޭ މިންވަރުވެސް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ވިއްސާރައިގެ ސަބަބުން ދިމާވި ކާރިސާތަކުގައި މިއަހަރު އެކަނިވެސް 170 އަށް ވުރެ ގިނަ މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.
މި ލިޔުން ކިޔާލުމުން