އިސްރާއީލްގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ނަތަންޔާހޫގެ ސަރުކާރާއި ދެކޮޅަށް މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ. މި މުޒާހަރާތައް ފެށެން މެދުވެރިވި ސަބަބަކީ ޣައްޒާގައި އިސްރާއީލްގެ ހަ މީހަކު މަރުވެފައި އޮއްވާ ފެނުމުންނެވެ.
އާދީއްތަ ދުވަހުގެ ރޭ އާންމުން ވަނީ މަގުތަކަށް ނުކުމެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަމާސްއާ އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށާއި ޣައްޒާގައި ބާކީ ތިބި އިސްރާއީލުގެ މީހުން އަނބުރާ އިސްރާއީލަށް ގެނައުމަށް ހަމާސްއާއި އެކު އެއްބަސްވުމަކަށް އައުމަށް ގޮވާލާފައެވެ.
ހަނގުރާމައާއި ގުޅިގެން އިސްރާއީލް ބައިބައިވެފައި ވި ނަމަވެސް، މި މުޒާހަރާއަކީ ހަނގުރާމައިގެ ތެރޭގައި ފާއިތުވި 11 މަސް ދުވަހުގެ ތެރޭ އިސްރާއީލުގައި ކުރެވުނު އެންމެ ބޮޑު މުޒާހަރާއެވެ. މުޒާހަރާގެ ބައިވެރިންވަނީ އިސްރާއީލްގެ ބޮޑެތި ސިޓީތަކުގެ މަގުތައް ފުރާލާފައެވެ. އެ މީހުން އަންނަނީ ހަމާސްއާއެކު ސުލްހައިގެ އެއްބަސްވުމަކަށް މިއަދާ ހަމައަށްވެސް ނާދެވުމުން ނަތަންޔާހޫ އެކަމަށް ކުށްވެރިކުރަމުންނެވެ.
މަރުވެފައި އޮއްވާ ފެނުނު ހަ މީހުންގެ ތެރެއިން ތިން މީހުން ދޫކޮށްލަން ނިންމާފައި ވަނީ މިދިޔަ ޖުލައި މަހު މަޝްވަރާކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގަ އެވެ.
އިސްރާއީލްގެ އަސްކަރިއްޔާއިން ބުނީ އިސްރާއީލު ސިފައިން ރަހީނުން މަރުވި ތަނަށް ދިއުމުގެ ކުޑައިރުކޮޅެއް ކުރިން ހައްޔަރުކުރި ހަ މީހުން ވެސް މަރާލައިފައިވާ ކަމަށެވެ. މި ހަށިތައް ފެނުނީ ރަފަހްގައި ހަދާފައިވާ ބިމު އަޑީގެ ޓަނަލެއްގެ ތެރެއިން ކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ވެސް ބުންޏެވެ.
ނަތަންޔާހޫ ވަނީ މަޝްވަރާތައް ހުއްޓިފައި އޮތުމުގެ ޒިންމާ ހަމާސްގެ ބޮލުގައި އަޅުވާފަ އެވެ. އޭނާ ބުނި ގޮތުގައި ރަހީނުކޮށްފައި ތިބި މީހުން މަރާލި މީހަކު ސުލްހައިގެ އެއްބަސްވުމެއް ބޭނުމެއް ނުވާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން