އާދިއްތަ, November 1
ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް މިފަހަރު ރޮޑްރީ
ދުނިޔޭގެ ފުޓުބޯޅައިގައި ދެވޭ އެންމެ ބޮޑު އެއް އިންޑިވިޖުއަލް އެވޯޑު، ބެލޮންޑިއޯ 2024 ގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މެންޗެސްޓާ ސިޓީ އަދި ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ ހޮވިއްޖެއެވެ. މިއީ ރޮޑްރީއަށް މި އެވޯޑު ހާސިލުކުރެވުނު ފުރަތަމަ ފަހަރެވެ. ފްރާންސްގެ "ފްރާންސް ފުޓްބޯލް" މަޖައްލާ އިން ދޭ މި އެވޯޑް ސްޕެއިން އަދި މެންޗެސްޓަރ ސިޓީގެ ރޮޑްރީ ކާމިޔާބުކޮށްފައިވާއިރު، މި އެވޯޑު ލިބޭނެ ކަމަަށް ގިނަ ބަޔަކު ގަބޫލުކުރި ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ ދިޔައީ ދެވަނަ އަށެވެ. ތިން ވަނައަށް ދިޔައީ ރެއާލް މެޑްރިޑް އަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމްއެވެ. އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕެއިން އަދި ބާސެލޯނާގެ އައިޓާނާ ބޮންމަޓީއެވެ. މިއީ ޖެހިޖެހިގެން އޭނާ މި އެވޯޑު ހޯދި ދެވަނަ ފަހަރެވެ. އަދި 21 އަހަރުގެ ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ކޮޕާ ޓްރޮފީ ލިބިގެންދިޔައީ އެފްސީ ބާސެލޯނާއަށް ކުޅެމުންދާ ސްޕެއިންގެ ޒުވާން ފޯވަޑް ލަމީން ޔަމާލަށެވެ.

މި ފަހަރު އެންމެ ގިނަ ލަނޑު ޖަހައިގެން ގާޑް މުލާ އިނާމް ލިބުނު ދެ ކުޅުންތެރިންނަށް ވެގެންދިޔައީ ބަޔާން މިޔުނިކަށް ކުޅެމުންދާ އިނގިރޭސި ފޯވަޑް ހެރީ ކޭންއާއި ރެއާލަށް މިހާރު ކުޅެމުންދާ ފަރަންސޭސި ފޯވަޑް ކިލިއަން އެމްބާޕޭއެވެ. ދެ ކުޅުންތެރިން ވެސް ވަނީ 52 ލަނޑު މިދިޔަ ސީޒަންގައި ކާމިޔާބުކޮށްފައެވެ.

އެންމެ މޮޅު ގޯލް ކީޕަރަށް ދޭ ޔަސިން އިނާމް ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް އެސްޓަންވިލާއަށް ކުޅެމުންދާ އާޖެންޓިނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒަށް ލިބިގެން ގޮސްފައެވެ.

ބެލޮންޑިއޯގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާއަށް ފީފާ ރޭންކިން އެންމެ ވަރުގަދަ 100 ގައުމުގެ ނޫސްވެރިން ވޯޓު ދޭނެއެވެ. އަދި އަންހެން އެންމެ މޮޅު ކުޅުންތެރިޔާ ހޮވާނީ އަންހެން ރޭންކިންގެ އެންމެ މަތީގައި އޮންނަ 50 ގައުމުގެ ނޫސްވެރިން ވޯޓު ދީގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު