ބަންގްލަދޭޝްގެ ޑާކާގައި މިއަދު ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ވާދަވެރި ޕާކިސްތާން 3-2 އިން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
އިންޑިއާއާއި ޕާކިސްތާނަކީ މި މުބާރާތުގައި ރާއްޖެވެސް ހިމެނޭ ގްރޫޕް ބީގެ ދެ ޓީމެވެ.
މެޗުގެ ފުރަތަމަ ވިހި މިނެޓުގެ ތެރޭގައި އިންޑިއާއިން ދެ ލަނޑުގެ ލީޑެއް ނެގި އިރު، އެ ދެ ލަނޑުވެސް ޖަހައިދިނީ ޒުވާން ފޯވާޑް ސުހައިލް އަހުމަދު ބަޓްއެވެ. އިންޑިއާގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ މަންގްލެންތަންގް ކިޕްޖެންއެވެ.
ޕާކިސްތާނަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅު ނަޖީބުﷲ އާއި އާލަމްގީރު ޖެހި ލަނޑުތަކުން ޕާކިސްތާނުން ފަރަގު ކުޑަކުރި ނަމަވެސް، މެޗުން މޮޅުވުމަށް ކުރި މަސައްކަތް ނާކާމިޔާބުވިއެވެ.
ދުނިޔޭގެ އެކި ލީގުތައް ކުރިއަށްދާތީ މި މެޗަށް ދެ ޤައުމުންވެސް ނުކުތީ ބައެއް ވަރުގަދަ ކުޅުންތެރިން ނުހިމަނައެވެ.






