ފައިސާ މާރުކުރުމުގެ ލައިސަންސް ލިބިފައިވާ ވިޔަފާރިތަކުގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "މަނީ ޗޭންޖަރ ސިސްޓަމް" ގެ ނަމުގައި ޕްލެޓްފޯމެއް މިއަދު އިފްތިތާހުކޮށްފިއެވެ.
މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ.
އެމްއެމްއޭއިން ބުނީ، މިއީ މަނީ ޗޭންޖިންގ ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޑިޖިޓަލްކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަމަށެވެ. މި ސިސްޓަމްގެ ސަބަބުން އިދާރީ މަސައްކަތްތައް އޮޓޮމޭޓްކުރެވި، އެމްއެމްއޭއާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސްވެ ފަސޭހަކަމާއެކު ކުރެވިގެންދާނެއެވެ.
މީގެ އިތުރުން، ގަވާއިދުން ފޮނުވަންޖެހޭ މައުލޫމާތު ހިއްސާކުރުމާއި ފައިސާ މާރުކުރުމުގެ މުއާމަލާތްތަކުގެ ރިޕޯޓުތައް ހުށަހެޅުން ފަދަ ކަންކަން ވެސް މި ސިސްޓަމް މެދުވެރިކޮށް ކުރެވޭނެއެވެ. މީގެ ސަބަބުން މި ދާއިރާގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުން ހަރުދަނާވެ، މާލީ ދާއިރާ އިތުރަށް ވަރުގަދަވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.
1 ޑިސެމްބަރު 2026 އިން ފެށިގެން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކަކުން ވެސް މުއާމަލާތްތައް ރެކޯޑްކޮށް ރިޕޯޓްކުރުމަށް މި ސިސްޓަމް ބޭނުންކުރުން ލާޒިމުވާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.






