ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ރިޔާސަތުން ބޭރުކޮށްލައިފިއެވެ.
އެ ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ. އެ މައްސަލައިގައި ވަނީ، ގައުމުގެ އިގުތިސޯދީ ހާލަތު ދަށަށް ގޮސް، އާންމުންގެ ދިރިއުޅުމުގެ ޚަރަދުތައް އުފުލިފައިވާ ދަނޑިވަޅެއްގައި މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން މިދިޔަ ބުދަ ދުވަހު ނިންމާފައިވާ ކަމަށެވެ.
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭ ކަމުގެ ކަންބޮޑުވުން އޮއްވާ، މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ވެސް މައްސަލައިގައި ވެއެވެ.
"ދިވެހިރާއްޖޭގެ އިގުތިސޯދީ ހާލަތު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ދިވެހި ރައްޔިތުންނަށް ދަތިވާނޭހެން އެތައް ފިޔަވަޅުތަކެއް ސަރުކާރުން އެޅުމަށްފަހު، ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ދިވެހި ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމަކަށް ނުވޭ،" މައުރޫފް ވިދާޅުވިއެވެ.
ނަމަވެސް، މައްސަލަ ލިބިފައިވާ ކަމަށް ވިދާޅުވެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކުއްލި މައްސަލައަކީ މަޖިލީހުގައި ކުރިއަށް ބަހުސްކުރަން އޮތް ކަމަކާ ގުޅޭ ގޮތުން ދުރާލާ ވާހަކަ ދެއްކުމުގެ ބޭނުމުގައި ހުށަހަޅާ މައްސަލައަކަށް ވެގެން ނުވާނެ ކަމަށެވެ. އެ ޝަރުތު ފުރިހަމަ ނުވާތީ، އެ މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން ނިންމެވިއެވެ.
މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ، ނައިބު ރައީސާއި މެންބަރުންނަށް ލިބޭ މުސާރައާ ތަފާތު ކުރުމުގެ ގޮތުން، މަޖިލިސް ރައީސަށް 22,000 ރުފިޔާގެ އިނާޔަތެއް ހަމަޖައްސައި، ރައީސްގެ ޖުމްލަ މުސާރަ 95,125 ރުފިޔާއަށް ބޮޑުކުރުމަށެވެ. މިހާރު މަޖިލިސް ރައީސަށް ލިބެނީ 73,125 ރުފިޔާ ކަމަށާއި، ނައިބު ރައީސަށް 91,000 ރުފިޔާ އަދި މެންބަރުންނަށް ކޮމިޓީ އެލަވަންސާއެކު 82,500 ރުފިޔާ ލިބޭ ކަމަށެވެ.
މީގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ 58,500 ރުފިޔާއިން 75,500 ރުފިޔާއަށް ބޮޑުކުރަން ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މި ނިންމުމުގެ ސަބަބުން ދައުލަތުގެ ޚަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ބުނެ، އެ ނިންމުން ބަދަލުކުރުމަށް މާލިއްޔަތު ކޮމިޓީއަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ގޮވާލައި ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ.






