Saturday, October 31
ތ.ގުރައިދޫގައި އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ތ.ގުރައިދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ޠަޢާމު މުޙައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަޙްމަދު ސައުދީއެވެ.

މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމުގެ އިތުރުން، ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކޮށް ދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 03 ވަނަ ދުވަހު ގުރައިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ތ.އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރަންޖެހޭ ކަމަށާއި، އެއީ އެ އަތޮޅުގެ އިގުތިސާދަށް އެކަމުގެ އަސަރުކޮށް، އަތޮޅަށް ފުދުންތެރިކަން ގެނެސްދޭނެ ކަމެއް ކަމަށެވެ.

އެގޮތުން ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށާއި، ވިލުފުށީގައި ވެސް އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް އެ ދުވަހު އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު