އާދިއްތަ, November 1
ކުރީ ސަރުކާރުން ކަންކަން ކުރީ އެއްވެސް ޒިންމާދާރު ކަމެއްނެތި: މިނިސްޓަރު ޑރ. މުއްޠަލިބް
ދަރަނި ނަގައިގެންނާއި، ފައިސާ ޗާޕުކޮށްގެން ކުރީ ސަރުކާރުން ކަންކަން ކުރީ އެއްވެސް ޒިންމާދާރު ކަމެއްނެތި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް މިރޭ ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޑރ. މުއްޠަލިބް މިހެން ވިދާޅުވީ ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ އިނާޔަތް، މަދުން އާމްދަނީ ލިބޭ މީހުންނަށް އެކަނި ދޭ ގޮތަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ޑރ. އިޔާޟް ވިދާޅުވީ ކުރީ ސަރުކާރުގައި ކޮވިޑުގެ ދަތި ދުވަސްވަރު އިގުތިސާދަށް ބައި ރުފިޔާ އެއްވެސް ނުވަންއިރު ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ އެއްވެސް ކަމަކަށް ލޮޅުމެއް ނާރާ ކަމަށެވެ. މިކަމަށް ރައްދު ދެއްވައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޑރ. މުއްޠަލިބް ވިދާޅުވީ ކުރީ ސަރުކާރުން ޒިންމާދާރު ކަމެއްނެތި ދަރަނި ނަގައިގެންނާއި، ފައިސާ ޗާޕުކޮށްގެން ރިކަރަންޓު ޚަރަދު ކުރުމުގެ ނަތީޖާއަކީ ދައުރު ނިމުނުއިރު، ދައުލަތުގެ ދަރަނި 123 ބިލިއަން ރުފިޔާއަށް އިތުރުވުން ކަމަށެވެ. އަދި ހަމައެއާއެކު ދަރަނި ދެއްކުމަށް ކުރަންޖެހޭ ޚަރަދު އަހަރަކު 7 ބިލިއަނަށްވުރެ އިތުރުވެގެން ދިއުން ކަމަށެވެ. އޭގެތެރެއިން ބޮޑު ބަޔަކީ އިންޓަރެސްޓަށް ދައްކަންޖެހޭ ފައިސާކަން މިނިސްޓަރުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން ދަރަންޏަށް ފައިސާ ލިބުން ދަތިވެ، ސަރުކާރުން ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދެވި، އެތައް ވިޔަފާރިއަކަށް އަސަރުކޮށް، ގައުމުގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓަށް ނުކަތާ ވަރަށް، ޚަރަދު ކުރަން ފައިސާ ހޯދޭނެ ގޮތަކަށް ބެލުމެއް ނެތި 39 ބިލިއަން ރުފިޔާއަށްވުރެ ގިނަ މަޝްރޫއު ފެށުމުގެ ނަތީޖާ އަކީ ގިނަ ޕްރޮޖެކްޓްތަކެއް ރިޔާސީ އިންތިޚާބު ނިމުމާއެކު ހުއްޓާލަންޖެހުން. މިއީ ޒިންމާދާރު ކަމާއެކު ކޮށްފައިވާ ކަމެއްނޫން.
މިނިސްޓަރު އިތުރަށް ވިދާޅުވީ ގައުމުގެ މަސްލަހަތު ވަކި ބައެއްގެ މަސްލަހަތަށްވުރެ ބޮޑުވާނެ ކަމަށެވެ. ހަގީގީ އިޚްލާސްތެރި ވެރިންނަކީ ރައްޔިތުންނަށް އޮޅުވާލުމެއްނެތި ގައުމަށް ދެމެހެއްޓެނިވި ތަރައްގީ ގެނެސް ރައްޔިތުންނަށް ދެމެހެއްޓެނިވި ޚިދުމަތްތަކެއް ދެވޭނެ ގޮތަކަށް ސިޔާސަތު ބައްޓަންކުރާ ވެރިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު