އާދިއްތަ, November 1
ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، ބިރުދައްކައި ފައިސާ ހޯދަން އުޅުނު މައްސަލައިގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފިއެވެ.

ފުލުހުން މިއަދު މެންދުރުފަހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މި މަހުގެ 11 ވަނަ ދުވަހުގެރޭ ހުޅުމާލޭ އޯކިޑުމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކައި އަދި އެ މީހާގެ އާއިލާގެ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑްކުރި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މާލެ، ދަފްތަރު ނަންބަރު ރސ 9022، އުމުރުން 37 އަހަރުގެ ޠަލާލް މުޙައްމަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށް، ފުލުހުން މިރޭ ފޮނުވި މެސެޖުގައި ބުނީ ޠަލާލްއާއެކު ސީން އިން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

  • ހުޝާމް އިބްރާހިމް (34 އ)، ހދ.ކުމުންދޫ/ރަތްބަގީޗާގެ.
  • ޙުސައިން ހައިކަލް ނިޔާޒް (23 އ)، ގ.ކަޅަގާރިމާގެ.
  • އާދަމް ޝަރީފް (36 އ)، ހދ.ކުމުންދޫ/ރަތްބަގީޗާގެ.
  • އަޙްމަދު ރިފްޝާން (26 އ)، ހުޅުމާލެ ފްލެޓް ނަންބަރު. 04-1-71.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ އެންމެން ހަތް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށާއި، މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ދާދިފަހުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގައި ވެސް ވަނީ ދިވެހި ފިރިހެނަކު ރަހީނުކޮށްފައެވެ.

އެޗް 9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުގެ ތެރޭގައި ފިރިހެނަކު ރަހީނުކޮށްގެން އުޅެނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެރޭގެ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން ވަނީ އެ އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލުމަށްފަހު ވަދެ، އެ މީހާ ސަލާމަތްކޮށް، އެ ތަނުގައި ތިބި 12 މީހުން ހައްޔަރުކޮށްފައެވެ.

ފުލުހުން އެ އެޕާޓްމަންޓަށް ވަންއިރު ވަނީ ރަހީނުކުރި ފިރިހެން މީހާގެ ބޯ ބާލުވައިފައެވެ. އަދި ވަޅިން އޭނާގެ އިނގިލި ބުރިކޮށްލަން ތައްޔާރުކޮށްފައި ހުރި ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު