އާދިއްތަ, November 1
5.9 ކިލޯގެ ޑްރަގް އެތެރެކުރުން: ނަޞީރު ދޫކޮށްލައި، ރޮހަމާންގެ ބަންދަށް އިތުރު 30 ދުވަސް

ވައިގެ މަގުން ދިވެހިރާއްޖެއަށް ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި، ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ.ދިއްދޫ، ފާގަތިގެ، އަަޙްމަދު ނަޞީރު (45އ) އާއި، ގއ. ކަނޑުހުޅުދޫ، ނެސްޓް، ޢަލީ އައިހަމް (18އ) އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރޮހަމާން (29އ) އެވެ.

އަަޙްމަދު ނަޞީރު ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ކަސްޓްމަސްއިން ފުލުހުންގެ ޚިދުމަތާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން މިދިޔަ އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރުމަށްފަހު، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމަންޓް ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.

ފުލުހުން ބުނެފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ތިން މީހުން ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 5 ކިލޯ 936 ގްރާމް ހުރި ކަމަށެވެ.

މި މައްސަލާގައި މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަމުރުކުރީ އަަޙްމަދު ނަޞީރު ފަސް ދުވަހަށް، ޢަލީ އައިހަމް 10 ދުވަހަށް، ރޮހަމާން ހަތް ދުވަހަށް ބަންދުކުރުމަށެވެ.

މީގެތެރެއިން އަޙްމަދު ނަޞީރުގެ ބަންދުގެ މުއްދަތު މި މަހުގެ ހަވަނަ ދުވަހު ހަމަވެފައިވާއިރު، ރޮހަމާންގެ ބަންދުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފައެވެ.

އަޙްމަދު ނަޞީރު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.

ބަންދާމެދު ގޮތެއް ނިންމި މަޖިލީހުގައި އަޙްމަދު ނަޞީރުގެ ފަރާތުން ފާހަގަކުރި ކަންކަން:

  • ރާއްޖެއިން ބޭރުން ގެނެސްފައިވާ ދާގީނާތަކާ ހަވާލުވުމަށްޓަކައި އަޙްމަދު ނަޞީރު ކަސްޓަމްސް ސަރަހައްދަށް ގޮސް ހުރިހާ ޑޮކިއުމަންޓްތަކެއް ފުރިހަމަކޮށްފައިވާ ކަމަށާއި، އެތަނަށް ދިޔައީ ތައިލެންޑުން މީހަކު ފިޝް ފުޑާއި، ކެޓް ފުޑާއި، ދެ ބާވަތެއްގެ ސްމޫތީ ފޮނުވާފައިވާތީ އެތަކެތި ބަލައި ކަމަށް ބުނެފައިވޭ.
  • އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހެއް ވެސް ނޫން ކަމާއި، ބަލައި ދިޔައީ އެފަދަ އެއްޗެއް ނޫންކަމަށް ބުނެފައިވޭ.
  • ފެނުނު މަސްތުވާތަކެއްޗަކީ އޭނާއާ އެއްވެސް ގުޅުމެއް ނެތް އަދި އެކަމުގެ އެނގުމެއް ވެސް ނެތް އެއްޗެހިތަކެއް ކަމަށްވާތީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދިން ކަމަށް ބުނެފައިވޭ.
  • އެތަކެއްޗަކީ މިސްބާހު ކިޔާ މީހެއްގެ އެއްޗެހިތަކެއް ކަމަށާއި، ހުރިހާ މައުލޫމާތުތަކެއް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށާއި، އޭނާ ފުލުހުންނަށް ދިން މައުލޫމާތުން އިތުރު ދެ މީހަކު ދެނެގަނެވިފައިވާ ކަމަށާއި، ރުހުމުގައި އޭނާގެ ފޯނު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ބުނެފައިވޭ.
  • އޭނާއަކީ ކްލިއަރިންގ ގެ އެޖެންޓެއްގެ ގޮތުގައި ޕީއޭ މޯލްޑިވްސް ކިޔާ ތަނެއްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި، ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ކަމަށާއި، އާއިލާއެއް ބަލަހައްޓަމުން އަންނަ ކަމަށާއި، ކުށުގެ ރެކޯޑެއް އޮންނަ މީހެއް ނޫން ކަމަށް އަޙްމަދު ނަޞީރު ބުނެފައިވޭ.

ބަންދާމެދު ގޮތް ނިންމި މަޖިލީހުގައި ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލާގައި ރާއްޖެ އެތެރެކޮށްފައިވާ ދާގީނާތައް އެތެރެކުރީ އަޙްމަދު ނަޞީރުގެ ޅިޔަނެއް ކަމަށްވާ ޢައްފާން ކިޔާ މީހެއްގެ ނަމުގައި އެ ފަރާތުގެ ކޮމްޕެނީ މެދުވެރިކޮށެވެ. އަދި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަށް އަޙްމަދު ނަޞީރު ފުރިހަމައަށް އެއްބާރުލުން ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަޙްމަދު ނަޞީރު ދާގިނާ ބަލައި ދިޔަ ދިޔުން ފިޔަވައި މި މައްސަލާގައި ތުހުމަތު ކުރެވިފައިވާ ކުށް އޭނާ ކުރި ކަމަށް ބާރުދޭ އިތުރު ހެއްކެއް ނުވަތަ އޭގައި މަސްތުވާތަކެތި ހުރިކަން ދަލާލުކޮށްދޭ ކަމެއް ހުށަހެޅިފައެއް ނެތެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން 30 ދުވަހުގެ މުއްދަތަށް ރޮހަމާން ބަންދުކުރުމަށް އަމުރުކޮށް ކޯޓުން ނެރުނު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ ކޮންޓްރޯލް ޑެލިވަރީގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާ ހަވާލުވާން ދިޔައީ ރޮހަމާން ކަމަށެވެ.

ރޮހަމާންއަކީ ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއް ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީނާގެ ފަރާތުން ތުހުމަތުތަކަށް އިންކާރުކޮށް އެ ތަކެއްޗަކީ [އަތުލައިގަނެވުނު މަސްތުވާތަކެއްޗަކީ] މީހަކު އޭނާ ގާތު މަސައްކަތެއް ކޮށްދޭށޭ ބުނެގެން ކޮށްދިން ކަމަށް ބުނެފައިވޭ.

ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މި މައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 5,520 ގްރާމް ކެނަބިސްއާއި، 415 ގްރާމް ކެތިނޯންއެވެ.

މި މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ ފޮޓޯއަކާއި، އަތުލައިގަނެވުނު ތަކެތީގެ މައުލޫމާތު. ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުންނާއި، އެ ނޫން ގޮތް ގޮތުން ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ވަނީ އާންމުވެފައެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް 177 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ މަގުމަތީ އަގު 328 މިލިޔަނަށް ވުރެ ގިނަކަން ވެސް ޝުޖާއު ފާހަގަކުރައްވާފައިވެއެވެ.

މިފަދަ މައްސަލަތަކުގައި 900 އަށްވުރެ ގިނަ މީހުން ހައްޔަރުކުރިއިރު، ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ 145 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި، މަސްތުވާތަކެއްޗާ ގުޅޭ 335 މައްސަލައެއްގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް ވެސް ސީޕީ ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު