އާދިއްތަ, November 1
ގުޅީފަޅާއި، ގިރާވަރުފަޅު ހިކުނުހާ އަވަހަކަށް، ގޯތީގެ ރަޖިސްޓްރީ ހަވާލުކުރެވޭނެ: ރައީސް

ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ދެ ތަން ވެސް ހިކުނުހާ އަވަހަކަށް، ގޯތީގެ ރަޖިސްޓްރީ ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

''އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ދެތަނުގެ [ގުޅީފަޅާއި، ގިރާވަރުފަޅު] ނުހިކި އޮތް ބައި، އޭގެ ތެރެއިން ގުޅީފަޅު ފުރަތަމަ. އެއީ، ބޮޑަށް ފުންކޮށް އޮތް ސަރަޙައްދު. އެތަން ހިއްކުމަށް ބަޔަކާ ހަވާލުކުރާނަން. ދެން ގިރާވަރުފަޅު ހިއްކުން. އެހެންވީމާ، މި ދެ ތަންވެސް ހިކުނުހާ އަވަހަކަށް، ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާނަން.''

ރައީސް ވިދާޅުވީ ގާނޫނު އޮންނަ ގޮތުން، ބިމެއް ނެތް ތަނަކުން ރަޖިސްޓްރީއެއް ނުދެވޭނެ ކަމަށާއި، ނަމަވެސް އެ މީހާގެ އަސްލު ގޯތި އޮތްތަން، ކޯޑިނޭޓުން ފާހަގަކޮށްފައި، ކޯޑިނޭޓްތައް ހިމެނޭ ޑޮކިއުމެންޓެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި ގުޅީފަޅުން އެ ޑޮކިއުމެންޓް ކުރިއަށް އޮތް ދެތިންމަސް ތެރޭގައި ހަވާލުކުރާނެ ކަމަށާއި، ގިރާވަރުފަޅުގެ ވެސް، ކޯޑިނޭޓަޑް ޑޮކިއުމެންޓް ހަވާލުކުރާނެ ކަމަށެވެ.

''އޭރުން އެމީހާއަށް ޔަގީންކަން އެބަ ލިބޭ، އޭނާގެ ގޯތިއޮތީ ކޮން ތަނެއްގައިކަމުގެ ލިޔުމެއް. އެކަމަކު އެކަން ރަޖިސްޓްރީ ލެވެލްއަށް އަޕްގްރޭޑް ވާނީ، ބިން ކްރިއޭޓްވީމަ. އެހެންވީމާ އެ މަސައްކަތް އެ ހިނގަނީ.''

ރައީސް އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން ގިރާވަރުފަޅުން، ގޯތި ދޫކޮށްފައި އޮތީ އެއްވެސް ގޮތަކަށް ސްޓޭންޑަޑަކަށް ބަލައިގެނެއް ނޫން ކަމަށާއި، ލޭންޑް ޔޫސް ޕްލޭނެއް އޮންނަންވާ މިންގަނޑަކަށް ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭނަކަށް ބަލައިގެނެއް ނޫން ކަމަށެވެ.

ނަތީޖާއަކަށްވީ އެ ފަޅުން ގޯތިދެވޭނެ ވަރަށްވުރެ މާގިނައިން ގޯތިތައް ދޫކޮށްފައި ހުރުން ކަމަށާއި، ގޯތިދީފައި އޮތީ ކައިރީގައި އޮތް ކަނޑުން ވެސް އެއްބައި ހަމަޖައްސައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީހުން އުޅޭ ތަނެއްގައިނަމަ، މަގު އޮންނަންޖެހޭނެ ކަމަށާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި އެ ނޫން ވެސް ޚިދުމަތް ދޭ ތަންތަނުގެ އިތުރުން ހުސްބިމާއި، ޕާކު ވެސް ހެދިފައި ހުންނަންޖެހޭނެ ކަމަށެވެ.

''މިއިން އެއްވެސް އެއްޗެއް ނުލައި، ހަމަ ގަނޑެއްގައި ގޮޅިތަކެއް ޖަހާލައިގެން، ފަސްހާހެއްހާ ގޯތިދެންޏާ ދެވިދާނެ މިހާރުވެސް އެތަނުން. އެހެނެއްނޫން ދޮގެއްތޯ، ސިޓީއެއް، ނޫނީވިއްޔާ އަރބަން ސެންޓަރެއް، ނޫނީވިއްޔާ އެއްވެސް ތަނެއްގައި، މީހުން ދިރިއުޅޭ ތަނެއް ޑިވެލޮޕްވާން ޖެހޭނީ. އެގޮތަށް ތަރުތީބުކޮށް ބަލައިލައި ނިމުނުއިރުގައި، ބާރަސަތޭކައެއްހާ ގޯތި ކަނޑަށް ބަދަލުވީ. ދެން އެހެންވީމާ، ގުޅީފަޅަށް މި ބަދަލުކުރީ. ގުޅީފަޅުގައި މިހާރު ހިއްކަން އޮތްތަން ހިމެނޭ ގޮތަށް އަޅުގަނޑުމެން އެއޮތީ ލޭންޑް ޔޫސް ޕްލޭން ފައިނަލްކޮށް، ގެޒެޓްކޮށްފައި.''

މީގެއިތުރުން ރައީސް ވިދާޅުވީ ގުޅީފަޅުގެ މަގުހެދުމާއި، ފެނާއި ނަރުދަމާއާއި ކަރަންޓްގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށާއި، މިހެންގޮސް ހުރިހާ ކަންތައްތައްވެސް ދާނީ އެގޮތަށް ކަމަށެވެ.

ހަމައެއާއެކު ރަސްމާލޭގެ މަސައްކަތް ވެސް އޭގެ ޗެލެންޖްތައް އޯވަރކަމް ކޮށްގެން ވަރަށް އަވަހަށް އެ ޕްލޭނާ އެއްގޮތަށް އެކަން ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު