އާދިއްތަ, November 1
ޓޫރިޒަމްގެ ޓެކްސްތަކާއި އެއާޕޯޓު ޓެކްސްތައް ބޮޑުކުރަން ގާނޫނުތަކަށް ގެނައި އިސްލާހުތައް ތަސްދީގުކޮށްފި

ޓީޖީއެސްޓީ ބޮޑުކުރުމަށާއި، ގްރީން ޓެކްސް ދެގުނަކުރުމަށާއި، ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑުކުރުމަށް ގާނޫނުތަކަށް ގެނައި އިސްލާހުތައް ތަސްދީގު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީގު ކުރެއްވީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 7 ވަނަ އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 14 ވަނަ އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ.

މި އިސްލާހުތަކާއެކު ޓޫރިޒަމްގެ ޚިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީ 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުވާނެއެވެ. އެ ބަދަލު އަންނާނީ 6 ޖުލައި 2025 އިން ފެށިގެންނެވެ.

މީގެއިތުރުން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެނޫންވެސް އެފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެތަނެއްގަ އި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ގްރީން ޓެކްސްގެ ގޮތުގައި، އަންނަނިވި މުއްދަތުތަކުގައި، އަންނަނިވި މިންވަރަށް ދައުލަތަށް ޓެކްސް ނެގޭނެއެވެ.

  • 1 ޖަނަވަރީ 2023 އިން ފެށިގެން 31 ޑިސެންބަރު 2024 ގެ ނިޔަލަށް، މީހަކަށް 6 އެމެރިކާ ޑޮލަރު
  • 2 ޖަނަވަރީ 2025 އިން ފެށިގެން، މީހަކަށް 12 އެމެރިކާ ޑޮލަރު.
  • މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ގްރީން ޓެކްސްގެ ގޮތުގައި ނަގާނީ، 1 ޖަނަވަރީ 2023 އިން ފެށިގެން 31 ޑިސެންބަރު 2024 ގެ ނިޔަލަށް މީހަކަށް 3 ތިނެއް އެމެރިކާ ޑޮލަރު އަދި 2 ޖަނަވަރީ 2025 އިން ފެށިގެން، މީހަކަށް 6 އެމެރިކާ ޑޮލަރު.

ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސްއާއި، އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ބޮޑުކުރަން ގާނޫނަށް ގެނައި އިސްލާހާއެކު އަންނަ މަހުގެ 01 އިން ފެށިގެން އަންނަނިވި ފީތައް ނަގާނެއެވެ.

އިކޮނޮމީ ކްލާސް:

  • ދިވެހިން - 12 އެމެރިކާ ޑޮލަރު
  • ބިދޭސީން - 50 އެމެރިކާ ޑޮލަރު

ބިޒްނަސް ކްލާސް:

  • ދިިވެހިންނާއި ބިދޭސީންގެ އަތުން - 120 އެމެރިކާ ޑޮލަރު

ފަސްޓް ކްލާސް:

  • ދިިވެހިންނާއި ބިދޭސީންގެ އަތުން - 240 އެމެރިކާ ޑޮލަރު

ޕްރައިވެޓް ޖެޓް:

  • ދިިވެހިންނާއި ބިދޭސީންގެ އަތުން - 480 އެމެރިކާ ޑޮލަރު

ރައީސުލްޖުމްހޫރިއްޔާ މިއަދު ބިލުތައް ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނުތައް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު