ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސިފައިންގެއަށް 4,000 ކުދިން، ފުލުހުންގެ މުއްސަސާއަށް 1,000 ކުދިން އިތުރުކުރަން ޚާއްސަ ޕްރޮގްރާމެއް ފަށަން ސަރުކާރުން ނިންމައިފިއެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވީ މިވަގުތު އެމްއެންޑީއެފްގެ މަސައްކަތަށް ބޭނުންވާ އަދަދަށް މީހުން ހޯދުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް އަދި ނުކުރެވޭ ކަމަށެވެ.
އަޅުގަނޑުމެންގެ ގައުމުގައި، ވަރަށްގިނަ ޒުވާނުން ކޮންމެ އަހަރަކު ކިޔަވައި އެބަ ނިމޭ. އޯ ލެވެލް ނިމި، އޭ ލެވެލްއަށް ނުދެވި ތިބޭކަން، ކޮންމެ އަހަރަކުވެސް ހިސާބުތަކުން އެބަ ދައްކާ، ދެހާހާ، ތިންހާހާ ދޭތެރޭގެ އަދަދެއްގެ ކުދިން އެބައުޅޭ. އޯ ލެވެލްއިން އެކަށީގެންވާ ވަރަކަށް ފާސްނުވެ އޭ ލެވެލްއަށް ނުދެވޭ. ވަޒީފާވެސް ނުލިބޭ މީގެ ގިނަ ކުދިންނަށް. އަދި ހަމައެއާއެކީގައި، އޭ ލެވެލް ނިންމާފައި، ޑިގްރީއަށް ނުފެށޭ ގާތްގަނޑަކަށް ކޮންމެ އަހަރަކުވެސް ފައްސަތޭކައެއްހާ ކުދިން، ފައްސަތޭކައާއި އެއްހާހާ ދޭތެރޭގައި. މަދުވެގެން ފައްސަތޭކަ ކުދިން އެބަތިބި ކަމަށް، މި ވޭތުވެދިޔަ ތިން ހަތަރު އަހަރުގެ ހިސާބުތަކުން ދައްކާ.
ރައީސް ވިދާޅުވީ އެކަށީގެންވާ ތައުލީމެއް ނެތުމުގެ ސަބަބުން، ވަޒީފާގެ ފުރުސަތު ވެސް ނެތި، ޑްރަގާއި، އެކިކަހަލަ ނުބައި އަމަލުތަކުގެ ތެރެއަށް އެތައް ސަތޭކަ، އެތައްހާސް ޒުވާނުންނެއް އިތުރުވަމުންދާ ކަމަށެވެ. އޭގެ ސަބަބުން ސަރުކާރުން އުފުލަންޖެހޭ ބުރަ ވެސް އަދި މުޖުތަމައުން އުފުލަންޖެހޭ ބުރަ ވެސް އަދި އެ ކުދިންގެ އާއިލާތަކުންނާއި، އެ ކުދިން އުފުލަންޖެހޭ ބުރަ ވެސް ވަރަށް ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.
ނަމަވެސް އެ ކުދިންނަކީ ރަނގަޅު ތަރުބިއްޔަތެއްދެވި، މިލިޓްރީ ތަމްރީނުދެވި، ރަނގަޅު ބަޔަކަށްހެދި، ވަޒީފާ ލިބިފައި ތިބޭ ބަޔަކަށް ހެދިއްޖެނަމަ، އެއީ އެ ކުދިންނަށާއި، އާއިލާތަކަށާއި، ގައުމަށް އަދި ސިފައިންނަށް ވެސް ކޮށްދެވޭނެ ވަރަށްބޮޑު ކަމަށްވާނެ ކަމަށާއި، އަދި ސިފައިންގެ ޚިދުމަތަށްވެސް ލިބޭނެ ވަރަށްބޮޑު ކުރިއެރުމަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވާ ސްކޭލްގައި ސިފައިންގެ ޚިދުމަތް ފުޅާކުރަން ބޭނުންވާނަމަ، ކޮންމެ އަހަރަކު އިތުރު އެއްހާސް ކުދިން ރެކްރޫޓް ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. ހަމައެފަދައިން ފުލުހުންގެ ޚިދުމަތްވެސް ފުޅާކުރާނަމަ، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އެއްހާސް ފުލުހުން އިތުރުކުރަންޖެހޭނެ ކަމަށެވެ.
އާދެ، އެހެންކަމުން، އިރާދަކުރެއްވީތީ ރާއްޖޭގައި ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ގޮތުގައި، ނޭޝަނަލް ސަރވިސްގެ ގޮތުގައި، މި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ގައުމީ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި ޕްރޮގްރާމް ވެގެންދާނީ، މި ނޭޝަނަލް ސަރވިސްއަކީ، ގާނޫނެއް ހެދިގެން، އެ ގާނޫނުން ބާރު ލިބިގެން، އުމުރުން 16 އަހަރު ވުމަށްފަހު، އެ 16 އަހަރު ވެގެން އޯ ލެވެލް ނިންމާފައި، ނޫނީވިއްޔާ ތައުލީމު ހާސިލުކުރެވުނު ހިސާބަކުން ދެން މައްޗަށް ދިޔުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް އަދި ވަޒީފާއެއްވެސް ނުލިބޭ ކުއްޖަކުވިއްޔާ، މި ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެ. ބައިވެރިވެގެން މިލިޓްރީ ތަމްރީނު ހޯދަންޖެހޭނެ. ހޯދައިގެން ރެކްރޫޓްމަންޓް ޕްރޮގްރާމް ނިންމައި، ފުލް އޮފިސަރަކަށް، ސިފައިންގޭގެ މީހަކަށް ބަދަލުވާނެ. އަދި ފުލުހުންގެ ޚިދުމަތަށް ދާ ކަމަށްވަންޏާ، ފުލުހުންގެ މީހަކަށް ބަދަލުވާނެ.
ރައީސް ވިދާޅުވީ 2025 އަށް ހުށަހަޅާފައި އޮތް ބަޖެޓުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްސް ތެރެއިން ހަތަރުސަތޭކަ މިލިއަން ރުފިޔާ މިކަމަށް ޚާއްސަ ކުރެވިގެންދާނެ ކަމަށާއި، އަދި ކޮންމެ އަހަރަކު އިތުރު ހަތަރުސަތޭކަ މިލިއަން އިތުރުކުރެވިގެންދާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން