ގައުމީ ވިސްނުން އިސްކޮށް، ހަގީގީ މާނައިގައި އެންމެ ފުރަތަމަ ގައުމު އެއީ ކޮންމެ ދިވެއްސެއްގެ ހިތުގެ ތެރޭގައި ބިންވަޅު ނެގޭ ކަމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބަވަނަވެފައި މިއޮތް ދުނިޔޭގައި ދިވެހިންގެ ލޯތައް ހުޅުވެން އެބަޖެހޭ ކަމަށެވެ. އަދި ގައުމެއްގެ މިނިވަންކަން ނަގައިލުމަކީ ކުރީ ޒަމާނުގައި އެ ހިނގިގޮތަކަށް ހިނގާނެ ކަމެއް ނޫންކަން ގަބޫލުކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެން އަބަދުވެސް ވާން އެބަޖެހޭ، ނޮވެންބަރު 3 ގައި އަޅުގަނޑުމެން ދެއްކި އެކުވެރިކަން ދައްކާ ބަޔަކަށް. މިހާރުގެ މި ހަގީގަތް ގަބޫލުކޮށްގެން، މިހާރު އަޅުގަނޑުމެންނަށް މި ކުރިމަތިވާ އެކިކަހަލަ ގޮންޖެހުންތަކުގައި، އެ ދުވަހު ދެއްކި އެކުވެރިކަން، އަޅުގަނޑުމެންނަކީ އެއްބައެއްކަން، އަޅުގަނޑުމެން ގައުމުދެކެ ލޯބިވާކަން، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށްވުރެ މުހިންމު އެއްޗެއް ނެތްކަން، އަޅުގަނޑުމެންގެ ކުރިމަތީގައި ދުޝްމަނުންނަށް އެއްބާރުލުން ދޭނެ އެއްވެސް މީހަކު ނުހުންނާނެކަން، ދުޝްމަނުންނަކީ މިހާރު ކޮންމެހެން ކުރިމަތިން ފެންނަ މީހެއް ނޫން.
ރައީސް ވިދާޅުވީ އެތެރެއާއި ބޭރުން ވެސް އެކިކަހަލަ ނުބައި އޮއިވަރުތައް ހިނގަމުންދާ ކަމަށާއި، އެއީ މުޖުތަމައު ވީރާނާކޮށް، އެތެރެ ބައިބައިކުރުމަށް ހިންގާ ކަންތައްތައް ކަމަށެވެ.
އެހެންކަމުން ގައުމަށްޓަކައި ގުރުބާންވުމުގައި ކޮންމެ ފަދަ ވަގުތެއްގައިވެސް ތައްޔާރަށް ތިބި ބައެއްކަމަށް ވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން