ޝަހީދުވި އާއިލާތަކަށް ޚާއްސަކޮށް، ޝަހީދުވި ފަރާތްތަކަށް ޚާއްސަ ކުރެވިގެން ހައުސިންގ ޕްރޮގްރާމެއް ހިންގުމަށް ނިންމަވާފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 1988 ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލުން ޝަހީދުވެގެންދިޔަ ކަމަށާއި، އާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ޝަހީދުވެގެންދިޔަ ކަމަށެވެ.
ހަމައެއާއެކީގައި، އެކިފަހަރު މަތިން، 1979 އިން ފެށިގެން އަޅުގަނޑު ސިފައިންގެއިން މިއަދު ހިސާބު ހޯދިން. ހޯދިއިރުގައި، އެކިފަހަރު މަތިން ޝަހީދުވެފައިވާ މީހުންގެ އަދަދު ވެސް އަޅުގަނޑު ހޯދާލާފައިވާނެ. އާދެ، މިގޮތުން ބަލާއިރުގައި، 29 ސިފައިން، މިދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި، އެކި ހާދިސާތަކުގައި، އަދި ފުލުހުންގެ ދެ މީހުންނާއި، މި ދެންނެވި 11 އާންމުންނާ އެކީގައި އެބަތިބި.
އެހެން ނަމަވެސް ޝަހީދުންގެ އަގުވަޒަންކުރަން ސަރުކާރުތަކުން ކަމެއްކޮށްފައެއް ނުވާ ކަމަށާއި ކުރީގައި ޝަހީދުވާ އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީއެއް ދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް، ފަހަކަށްއައިސް އެކަން ވެސް ހުއްޓިފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވީމާ، ކުރިއަށް އޮތް ތަނުގައި، މި އަންނަ އަހަރުން ފެށިގެން، ޝަހީދުވި އާއިލާތަކަށާއި އަދި ހަމައެއާއެކީގައި، 3 ނޮވެންބަރުގެ މެޑެލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ ލިބުނު ފަސް ފަރާތާއި، މެޑެލް ފޮރ ބްރޭވަރީ ލިބުނު ދިހަ ފަރާތް ހިމެނޭހެން، މި ހުރިހާ ފަރާތްތަކަށް، ކަނޑައެޅޭ، ގެޒެޓްކުރެވޭ އުސޫލެއްގެ މަތިން، ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ޚާއްސަ އެލަވަންސެއް ދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.
ހަމައެއާއެކީގައި ޝަހީދުވި އާއިލާތަކަށް ޚާއްސަކޮށް، ޝަހީދުވި ފަރާތްތަކަށް ޚާއްސަ ކުރެވިގެން ހައުސިންގ ޕްރޮގްރާމެއް، "ޝަހީދުންގެ ހިޔާ"ގެ ނަމުގައި 50 ހައުސިންގ ޔުނިޓް ހިމެނޭ ހައުސިންގ މަޝްރޫއުއެއް މި ދައުރުގެ ތެރޭގައި ހިންގައި، އެ އާއިލާތަކާ ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން