ހަނުހުރުމަކީ މުއުމިނުންގެ ސިފަތަކުގެތެރޭގައި ހިމެނޭ، ބުއްދިވެރީންނާއި ވިސްނުންތެރީންގެ ސިފައެއް ކަމަށް މިއަދު ހުކުރު ހުތުބާގައި ބުނެފިއެވެ.
"ހަނުހުރުމުގެ އަޚުލާޤު" މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، ކަމަކާ މެދު އިންސާނާ ވިސްނައި، އޭނާގެ ޢަމަލުތައް މުރާޖަޢާކޮށް، އޭނާގެ ކަންތައްތަކަށާއި ޙާލަތްތަކަށް ބަލައި ވަޒަންކުރާ އިރު، އޭނާ ހަނުހުރުމުގެ އަތަށް ލެނބޭ ކަމެވެ. އަދި ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެކެވެ. ފަހެ އޭނާ ބާޠިލު ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެ ނަމަ، އޭނާ ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށެވެ. އޭނާ ބާޠިލުވާހަކަދައްކަން ފަށައިފި ނަމަ ޝައިޠާނާ އޭނާ އަތްއަތަށް ދަމާން ފަށައިފާނެތެވެ. އެކަލޭގެ އެދޭގޮތަށް އެދޭ ކޮންމެ ވަގުތަކު އޭނާ އަނބުރައިލައިފާނެއެވެ. އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓުރޯލުނުކުރެވިއްޖެ ނަމަ އޭނާއަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެކަމެވެ.
ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "އެންމެ ހެޔޮ އަދި ހަށިގަނޑަށް ކުރަން އެންމެ ފަސޭހަ ޢަމަލެއްގެ ވާހަކައިން ތިމަންކަލޭގެފާނު ޚަބަރުކުރައްވަންތޯއެވެ؟" އަބޫ ޛައްރުގެފާނު "އާދޭހޭ" ދެންނެވުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (حُسْنُ الْـخُلُقِ، وَطُوْلُ الصَّمْتِ، عَلَيْكَ بـِهِمَا، فَإِنَّكَ لَنْ تَلْقَى اللهَ بِـمِثْلِهِمَا) މާނައީ: "އެއީ ޚުލްޤު ހެޔޮވުމާއި ހަނު ހުރުން އިތުރުކުރުމެވެ. ތިބާ މި ދެ ކަމުގައި ވަރުގަދައަށް ހިފަހައްޓާށެވެ! ފަހެ ހަމަކަށަވަރުން މި ދެކަމަށް ވުރެން ހެޔޮ ކަމަކާއިގެން ތިބާ ﷲއާ ބައްދަލެއްނުކުރާނެތެވެ." ވީމާ މުއުމިނާއަކީ އޭނާގެ ދުލަށް ރައްކައުތެރިވާ މީހެކެވެ. ޢަމަލު ގިނަކޮށް ބަސް މަދުކުރާ މީހެކެވެ. މުއުމިނާ ވާހަކަދައްކާނީ އޭނާގެ ނަފްސަށާއި އޭނާގެ މުޖްތަމަޢަށާއި އޭނާގެ ވަޠަނަށް ފައިދާ ހުރި ކަންކަމުގަ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނެފައިވަނީ ދުނިޔެއާއި އާޚިރަތުގައި ނަޖާވުމުގެ ވަސީލަތަކީ ދޫ ރައްކައުތެރިކުރުމާއި ހަނުހުރުމެވެ. ނަޖާވުމާ ބެހޭގޮތުން މާތް ﷲ ރުއްސުންލެއްވި ޢުޤްބަތު ބިން ޢާމިރު ސުވާލުކުރެއްވުމުން ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (اِمْلِكْ عَلَيْكَ لِسَانَكَ وَلْيَسَعْكَ بَيْتُكَ وَابْكِ عَلَى خَطِيْئَتِكَ) މާނައީ: "ތިބާގެ ދޫ ރައްކާތެރިކުރާށެވެ! އަދި ފިތުނަތަކުން ރައްކާތެރިވެ ހުރުމަށްޓަކައި ތިބާގެ ގެ އިޚްތިޔާރު ކުރާށެވެ! އަދި ތިބާގެ ކުށްތަކަށްޓަކައި ދެރަވެ ރޯށެވެ!"
ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުމެވެ. ތިބާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ތިބާއާ ސުވާލުކުރެވޭނެތެވެ. އެހެންކަމުން ވާހަކަދައްކަންވާނީ މި ކަމަށް ސަމާލުވެގެންނެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. "އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ عمل، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި قيامة ދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ حال ގައި، އޭނާ ދެކޭނެތެވެ." މުއުމިނާއަކީ އޭނާގެ ދޫ ހެޔޮކަމުގެ ވަސީލަތެއްކަމުގައި ހަދައި އެއިން ފަނާނުކޮށް އާރާސްތުކުރާ މީހެކެވެ. އެއިން މީސްތަކުން ބައިބައިނުކޮށް އެކުވެރިކުރާ މީހެކެވެ.
ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (رَحِمَ اللهُ امْرَءًا تَكَلَّمَ فَغَنِمَ، أَوْ سَكَتَ فَسَلِمَ) މާނައީ: "ހެޔޮބަސްބުނެ ފައިދާލިބިގަތް މީހާއަށާއި، ހަނުހުރެ ރައްކައުތެރިކަން ހޯދި މީހާއަށް ﷲ ރަޙްމަތްލައްވާށިއެވެ!" ރަސޫލާ މުސްލިމުންނަށް މި އަމުރުކުރައްވަނީ ހެޔޮ ބަހެއް ނޫނީ ނުބުނުމަށެވެ. ރިވެތި ބަހުން މީހުންނާ މުޚާޠަބުކޮށް މުޢާމަލާތުކުރާ މީހާއަށް ﷲގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ލިބެއެވެ. މީސްތަކުންގެ ގާތުގައި ރުހުމާއި މަޤްބޫލުކަން ލިބެއެވެ.
މީސްތަކުންގެ ގާތުގައި އޭނާ ވާނީ އެ މީހުންގެ ޙަޔާތަށް އަލިކޮށްދޭ ދަންމަރަކަށެވެ. މީސްތަކުން އޭނާއަށް އިތުބާރުކޮށް އޭނާގެ ގާތަށް ނަސޭހަތް ހޯދުމަށް އަންނާނެތެވެ. އޭނާ ވާނީ މުޖްތަމަޢު އިޞްލާޙުކޮށްދޭ ފަރުދަކަށެވެ.
ވީމާ މާތް ﷲއަށް تَقْوَىވެރިވާށެވެ! ހަނުހުރުމުގެ ޚުލްޤުން ޒީނަތްތެރިވާށެވެ! ބޭނުންވާ މިންވަރަށް ވާހަކަދައްކާށެވެ! މި ޒަމާނުގެ މީސްމީޑިޔާތަކުގެ މަންސަތަކަށް ވަދެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަނުކުރާށެވެ! ވަގުތަކީ މާތް ﷲ ދެއްވި ނިޢުމަތެކެވެ. މި ނިޢުމަތާމެދު ޣާފިލުވާ މީހުން ވަރަށް ގިނައެވެ. އަދި މި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޒުމުކަނޑައެޅުމަށް ހުތުބާގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން