ރާއްޖޭގެ އެއާޕޯޓުގައި ބޭނުންކުރާނެ ސިއްހީ ސާމާނުތަކެއް ޖަޕާނު ސަރުކާރުން ހަދިޔާކޮށްފިއެވެ.
މި ސާމާނުތައް ހަދިޔާކޮށްފައި ވަނީ ޖަޕާން ސަރުކާރުގެ އެހީގައި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަން (އައިއޯއެމް) އިން ކުރިއަށް ގެންދާ "ސްޓްރެންތެނިން ކެޕޭސިޓީ އޮފް ބޯޑަ ކޮންޓްރޯލް ފޮ ރެސްޕޮންޑިން ޓު އިންފެކްޝަސް ޑިޒީޒް އިން ސައުތު ވެސްޓް އޭޝިއާ" މަޝްރޫއުގެ ތެރެއިންނެވެ.
މަޝްރޫޢުގެ ތަކެތި ހަވާލުކުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ޚާރޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވެސް ވަނީ ބައިވެރިވެވަޑައިގެންފިއެވެ.
މި މަޝްރޫއުގެ ސަބަބުން ޕޮއިންޓް އޮފް އެންޓްރީގައި ފަތުރުވެރިންގެ ސިއްހަތު ރައްކާތެރިކަމާ އެކު ސްކްރީން ކުރުމަށް މަގުފަހިވެ، ފިޒިކަލް ކޮންޓެކްޓް ޕޮއިންޓްސް މަދުކޮށް، މަޑުކުރަން ޖެހޭ ގަޑި އަދި ތޮއްޖެހުން މަދުކުރެވޭނެ އެވެ. އަދި އޭގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރީގެ ދަތުރުފަތުރުތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ މި މަޝްރޫއުއިން ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ކުރިއެރުން ގެނެސްދޭނެ ކަމަށާއި މިއީ 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި ރާއްޖެ އާއި ޖަޕާނާއި އައިއޯއެމް ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ސަބަބުން އާންމު ސިއްހަތުގެ އޮނިގަނޑުގެ ތެރެއިން އިތުބާރު އަދި ގާބިލްކަން އުފެއްދުމުގެ މުހިންމުކަން ހާމަކޮށްދޭކަންވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އައި.އޯ.އެމް.ގެ ޗީފް އޮފް މިޝަން ކްރިސްޓިން ޕާކޯ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާނުގެ ސަފީރު ތަކެއުޗީ މިދޯރީ އާއި ސަރުކާރާއި މި ޕްރޮޖެކްޓުގައި ހިމެނޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން