Wednesday, November 4
މިނިސްޓަރު ސަޢީދު މަޤާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ ފާހެއް ނުވި

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މަޤާމުން ވަކިކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި، އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ފާހެއް ނުވިއެވެ.

މި މައްސަލައިގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި، ވަޒީރުގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. މިނިސްޓަރު ސަޢީދުގެ އިތުބާރު އޮތްކަމަށް 54 މެންބަރުން ވޯޓު ދެއްވިއެވެ.

އެމްޑީޕީގެ 13 މެންބަރުންގެ ސޮއިއާއެކު ހުށަހެޅި މި މައްސަލައިގައި، މިނިސްޓަރު ސަޢީދާ ދެކޮޅަށް މައިގަނޑު ހަ ތުހުމަތެއް ކޮށްފައިވެއެވެ.

އެގޮތުން، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދިޔުމާއި، ސަރުކާރުން އިޢުލާންކުރި ބޮޑެތި މަޝްރޫޢުތައް ހުއްޓިފައިވާ ކަމަށާއި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނަށް ގެނައި އިސްލާޙުގެ ސަބަބުން ދައުލަތުގެ ސިޔާދަތަށް ނުރައްކާ އޮތް ކަމަށް އެމްޑީޕީން ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުމާއި، އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުމާއި، ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުނު ކަމަށް ވެސް އެ ޕާޓީން ތުހުމަތުކޮށްފައިވެއެވެ.

ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން މިނިސްޓަރު ސަޢީދު ވަނީ އެމްޑީޕީން ކުރި ތުހުމަތުތައް ދޮގުކުރައްވާފައެވެ. ކުރީގެ ސަރުކާރުން ތިން އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި ބޭންކުތައް މެދުވެރިކޮށް ދޫކުރި ޑޮލަރަށްވުރެ، މި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ދޫކުރި ޑޮލަރުގެ މިންވަރު 80 އިންސައްތަ އިތުރުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު