Wednesday, November 4
ގޭސް ފުޅިތަކަށް އަޅައިދޭ މިންވަރު މަދުކުރަން މޯލްޑިވް ގޭހުން ނިންމައިފި

ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން، ކައްކާ ގޭސް ފުޅިތަކަށް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލުތަކެއް ގެންނަން މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ނިންމައިފިއެވެ.

މޯލްޑިވް ގޭހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލުތަކަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން، މި ބަދަލާއެކު 10 ކިލޯގެ ފުޅިއަކަށް 7 ކިލޯ، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ އަދި 45 ކިލޯގެ ފުޅިއަކަށް 31 ކިލޯގެ ގޭސް އަޅައިދޭން ހަމަޖެހިފައިވެއެވެ.

ފުޅިތަކަށް އަޅައިދޭ މިންވަރު މަދުކުރި ނަމަވެސް، ގޭހުގެ އަގު ބޮޑުވެގެން ނުދާނެ ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ. ކަސްޓަމަރުންގެ އަތުން ފައިސާ ނަގަމުންދާނީ ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް ބިނާކޮށް، މިހާރުވެސް ކަނޑައެޅިފައިވާ ކިލޯ ރޭޓުންނެވެ.

މީގެ އިތުރުން، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. އެ މަޝްރޫޢު ނިމުމުން، 3 މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާކުރެވި، މިފަދަ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ވެސް މޯލްޑިވް ގޭހުން ހާމަކޮށްފައިވެއެވެ.

މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މޯލްޑިވް ގޭހުން ވަނީ މަޢާފަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު