Wednesday, November 4
މިއަހަރު ކައުންސިލްތަކަށް 2 ބިލިއަން ރުފިޔާގެ ބްލޮކް ގްރާންޓް ދޫކޮށްފި

މިއަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން ނެރުނު އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ކައުންސިލްތަކަށް 2 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރަކީ ރާއްޖޭގެ ތާރީޚުގައި ކައުންސިލްތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ. މިއަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ގްރާންޓުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް 2.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

2023 ވަނަ އަހަރު ކައުންސިލްތަކަށް 2.1 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އެ އަހަރު ބަޖެޓަށްވުރެ 8 މިލިއަން ރުފިޔާ އިތުރަށް ހޭދަކޮށްފައިވެއެވެ. 2022 ވަނަ އަހަރު ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ކައުންސިލްތަކަށް ދޫކުރާ ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ފައިސާ ދޫކުރަމުން އަންނަނީ ދައުލަތުގެ އާމްދަނީއަށް ބިނާކޮށް އެކުލަވާލާފައިވާ ފޯމިއުލާއެއްގެ ދަށުންނެވެ.

ކައުންސިލްތަކަށް ދޭ މާލީ އެހީގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން، އަތޮޅު ކައުންސިލްތައް އުވާލުމާއެކު ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބޭ ގްރާންޓުގެ ނިސްބަތް އިތުރުވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ފައިސާ ދޫކުރުމުގައި އާބާދީގެ އިތުރުން ރަށުގެ ބިމުގެ ބޮޑުމިނަށް ވެސް ބަލާ ގޮތަށް އުސޫލު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުން ދެކޭ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު