ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅަށް މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބައެއް މީހުން އެއްވެ މުޒާހަރާކޮށްފިއެވެ.
މި މުޒާހަރާގައި އިސްކޮށް ތިއްބެވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްއެވެ.
މި އިހުތިޖާޖު ކުރިއަށް ގެންގޮސްފައި މިވަނީ ކުޑަކުއްޖަކާއި ބެހިގެން އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ރަސްމާލޭގެ 20 ބިލިއަަން ޑޮލަރުގެ ޕްރޮޖެކްޓްގައި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ކޮމާޝަލް ޓާމްސްގައި ސޮއިކުރީ ސެޕްޓެމްބަރު 21 ގައެވެ.
މި ޕްރޮޖެކްޓާއި ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ ޓީޖީއެސްޓީގެ އިތުރުން ޑިވެލޮޕަރުގެ އާމްދަނީގެ 10 އިންސައްތަ ދައުލަތަށް ލިބޭނެކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ދިގުމުއްދަތަށް ދޭ ކޮންމެ ޕްރޮޕަޓީއެއްގެ އަގުގެ 4 އިންސައްތަ ފީއެއްގެ ގޮތުގައި ދައުލަތަށް ލިބޭނެއެވެ.
މި މަޝްރޫޢުގެ ދަށުން އީގަލް ހިލްސްއިން ހުޅުމާލޭގައި ތިން ކޮޓަރީގެ 5,000 އެޕާޓްމަންޓް ބިނާކޮށްދޭނެއެވެ. އެ މަސައްކަތަށް ފަންޑުކުރާނީ ވެސް އީގަލް ހިލްސްއިންނެވެ. މި މަޝްރޫއުން 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް އީގަލް ހިލްސްއިން ވަނީ ބުނެފައެވެ. މި މަޝްރޫއު އެއްކޮށް ނިމުމުން އަހަރަކު ރާއްޖެއަށް މިހާރު ޒިޔާރަތްކުރާ އަދަދަށްވުރެ އިތުރަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫއު އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 10 އަހަރު ދުވަހުގެ ތެރޭގައެވެ.
މި ޕްރޮޖެކްޓް ހިންގަން ރާއްޖޭގެ ގިނަ ބަޔަކު ދަނީ ތާއީދު ކުރަމުންނެވެ.






