ހުޅުމާލޭގައި ހިންގާ "ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް" ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަތުލުން ހުއްޓުވުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ، ރެސްޓޯރަންޓް އަތުލުމަށް އެޗްޑީސީން ނިންމާފައިވާ ނިންމުން ތަންފީޒުކުރުން މަޑުޖައްސާލުމަށެވެ.
މި މައްސަލައަކީ ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން، ރެސްޓޯރަންޓް ހިންގާ ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާއި އެޗްޑީސީއާ ދެމެދު ޖެހިފައިވާ ޚިލާފެކެވެ. މި މައްސަލައިގެ ޝަރީޢަތް ސިވިލް ކޯޓުގައި ކުރިއަށްދަނީއެވެ.
ކުލި ނުދެއްކުމުގެ ސަބަބުން، އެ ބިމުގެ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް އެޗްޑީސީން އިއްޔެ ބުނެފައިވެއެވެ. އަދި އިއްޔެއިން ފެށިގެން ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑަށް އެ ބިމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި ޚިދުމަތެއް ވެސް ނުދެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.






