Tuesday, November 3
ސިފައިންގެ 15 ބުރީގެ ޢިމާރާތް ބިނާކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތް ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ސިފައިންގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމަށްވާ މި މަސައްކަތް ކުރިއަށް ގެންދަނީ ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުންނެވެ. އަދި ޢިމާރާތުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު މިޒްނާ ޢަލީ އެވެ. އަދި ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޖޯ ވޭދޯން އެވެ.

މި ޢިމާރާތް ބިނާކުރަނީ ސިފައިންގެ ޤާބިލްކަން އިތުރުކޮށް، އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ އެކޮމޮޑޭޝަނާއި ލޮޖިސްޓިކްސް ވަސީލަތްތައް ފުޅާކުރުމުގެ ގޮތުންނެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ މަޝްރޫޢެކެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސްގެ އިތުރުން، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ދިފާޢީ ވުޒާރާއާއި ކޮންޓްރެކްޓަރު ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު