ނަޞްރުގެ ދުވަހު ކޮންމެ ދިވެހި ރައްޔިތަކުވެސް ލިބިގަންނަންވީ ޤައުމު އިސްކުރުމުގެ ފިލާވަޅު ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ނަޞްރުގެ ދުވަހާ ގުޅިގެން ދެއްވި ޚާއްޞަ ޚިޠާބުގައެވެ.
ވަޒީރު ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއަކީ ދިވެހިންގެ މަދުބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ދިވެހިންގެ މިނިވަންކަން ނަގާލުމަށް ދިން ނުރައްކާތެރި ޙަމަލާއެއް ކަމަށެވެ.
އެ ދުވަހު ދުޝްމަނުން ދިން ރަޙުމެއްނެތް ޙަމަލާތަކުގައި ޝަހީދުވި 19 ދިވެހިންގެ ޒިކުރާ އައުކުރައްވަމުން ވަޒީރު ވިދާޅުވީ، އެ ބޭފުޅުން ފުރާނައިން ގުރުބާންވެ ހިމާޔަތްކޮށްދެއްވީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ކަމަށާއި، އެ ބޭފުޅުންނަށްޓަކައި ޤައުމު އަބަދުވެސް ފަޚުރުވެރިވާނެ ކަމަށެވެ.
ދިފާޢީ ވަޒީރު ވިދާޅުވީ، މިއަދު ކޮންމެ ދިވެހި ރައްޔިތަކުވެސް ވާންޖެހޭނީ ޤައުމުގެ ދުޝްމަނުންނާއި ޚާއިނުންގެ ނުބައި ރޭވުންތަކުން ޤައުމު ސަލާމަތްކުރުމަށް އެއްބައިވަންތަކަމާއެކު މަސައްކަތްކުރާ ބަޔަކަށް ކަމަށެވެ. އަދި ދީނާއި ޤައުމުދެކެ ލޯބިވާ ބަޔަކަށް ކޮންމެ މީހަކުވެސް ވާންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިން ޢުދުވާނީ ޙަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ. އެއީ ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުންނެވެ.






