ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން ހިންގުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) އާއި އިތުރު ފަސް ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް އުވައިލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމް.ޓީ.އެޗް.ޖީ) އުފައްދަވައިފިއެވެ.
މި ބަދަލާއެކު ގަވަރނިންގ ބޯޑުތައް އުވައިލައްވާފައިވަނީ އެމް.ސީ.ޖީ.އެޗްގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ބޯޑުތަކެވެ.
ރައީސް އޮފީހުން ބުނީ، އަލަށް އުފެއްދެވި އެމް.ޓީ.އެޗް.ޖީގެ ގަވަރނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިގެން މަސައްކަތްކުރާނެ ބޯޑެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅުގެ ދަށުން، މި ބޯޑާއި ބޯޑުން ބަލަހައްޓާ ތަންތަނުގެ ކަންކަން ވިލަރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްއެވެ.
18 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑުގެ ޗެއަރޕަރސަނަކަށް ހަމަޖައްސަވާފައިވަނީ ޞިއްޙީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރެއް ކަމަށްވާ ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފެވެ. ވައިސް ޗެއަރޕަރސަނަކަށް ހަމަޖައްސަވާފައިވަނީ އައިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޙުސައިން ޙަލީމެވެ.
ބޯޑުގައި ހިމެނޭ އެހެން މެމްބަރުންނަކީ:
- އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް (ދަރުމަވަންތަ ހޮސްޕިޓަލްގެ ސީ.އީ.އޯ)
- ޑޮކްޓަރ އިބްރާހީމް ޔާސިރު އަޙްމަދު (ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ)
- ނަޔާޒު އަޙްމަދު (ޕްރައިމަރީ ހެލްތްކެއަރގެ ތަޖުރިބާކާރެއް)
- ޑޮކްޓަރ މަރްޔަމް ޖެނިފާ (ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރެއް)
- ފާޠިމަތު ޢާފިޔާ ވަޙީދު (ނަރސިންގ ދާއިރާގެ ތަޖުރިބާކާރެއް)
- މޫސާ ކަލީމް ޤާސިމް (ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް)
- މުޙައްމަދު މަބްރޫކް (ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ)
- ޢާލިމް ޝަކީލް (ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް)
- އަލްއުސްތާޛާ ތަސްލީމާ (ސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވުޒާރާގެ ފަރާތުން)
- އާދަމް ބަދުރުﷲ (މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެ ފަރާތުން)
- ނާޡިމާ ޢަލީ (ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީ.އީ.އޯ)
- ޑޮކްޓަރ އަޙްމަދު ޢަދީލް ނަޞީރު (އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ)
- ޙުސައިން ޢާޞިފް (އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ)
- އަޙްމަދު އަޝްރަފް (ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ)
- ޢަބްދުލްޙަންނާން ޢަބްދުއްރަޙީމް (ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީ.އީ.އޯ)
- ފަތުޙުﷲ ނަސީމް (ފުވައްމުލަކު ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިޔާ)






