ދިވެހި ފަސްގަނޑު މިނިވަންކަމުގެ މަތީ ދެމިއޮތުމުގައި ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
މެސެޖުގައި ރައީސް ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަޚުރުވެރި ދިވެހި ސިފައިންނާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
ޅެން ބައިތަކުން މިސާލު ޖައްސަވަމުން ރައީސްގެ މެސެޖުގައި ވަނީ: "ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ، ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ، ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ، ފިދާކޮށް މި ވަޠަނަށްޓަކާ ރޫޙު ޖާނާ"
މި ގައުމުގެ ދިފާޢުގައި ޝަހީދުވެގެންދިޔަ އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ރައީސް ވަނީ ދުޢާކުރައްވާފައެވެ.
ނަސްރުގެ ދުވަސް ކޮންމެ އަހަރަކު ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ބޭރުގެ ޓެރަރިސްޓުން މާލެއަށް ދިން އުދުވާނީ ހަމަލާއިން ދިވެހި ގައުމު ސަލާމަތްވެ، ނަސްރު ލިބުނު ހަނދާނުގައެވެ. އެ ހަމަލާގައި ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުން ހިމެނޭ ގޮތަށް 19 ދިވެހިން ޝަހީދުވިއެވެ.






