އާދިއްތަ, November 1
ޒުވާނުންނަށް ރަހުނަކާ ނުލައި 150،000 ރުފިޔާ: ފައިނޭންސިންގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ" ގެ ދެވަނަ ފިޔަވައްސަށް، އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ހޯދުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ފައިނޭންސިންގ ހާއްސަކޮށްފައިވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ފެސިލިޓީގެ ދަށުން، އެއްވެސް ހަރަދެއް އަމިއްލަ އަތުން ކުރަން ނުޖެހޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އަހަރަކަށް 7 އިންސައްތައިގެ ފައިދާ ރޭޓެއްގައި ދޫކުރާ މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް، 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ޖުމްލަ 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

ބީއެމްއެލްއިން ބުނީ، ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތް ޒުވާނުންނަށް ދަސްކޮށްދިނުމާއި، ފައިނޭންސިންގ އެހީތެރިކަމާއެކު ވިޔަފާރި ހިންގުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އަހުލުވެރިކުރުވުމެވެ.

އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ނިންމުމުން، މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

މި ފައިނޭންސިންގާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މިފަދަ ފައިނޭންސިންގ ފުރުސަތުތަކެއް ޒުވާނުން ބޭނުންވެފައިވާ ތިބިކަން. އެހެންކަމުން، ޒުވާނުންނަށް އެމީހުން ބޭނުންވާ ފަދަ މަސައްކަތް ކުރުމުގެ ފުރުސަތު މި ފައިނޭންސިންގ މެދުވެރިކޮށް ހޯދައިދެވިފައިވާ ކަމީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް،" ބަދުރުއްދީން ވިދާޅުވިއެވެ.

ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިނޭންސިންގ ވަނީ ދޫކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު