ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު މާދަމާ އޮންނާނެއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބުކުރަންޖެހޭއިރު، އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ޑަބްލިޔުޑީސީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ.
ސިޓީ ކައުންސިލަރުންގެ މަޤާމަށް ކުރިމަތިލީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކަމުން، އޭނާ ވޯޓަކާ ނުލައި އިންތިޚާބުވެފައިވާތީ، މާދަމާ ބާއްވަނީ ރަށު ކައުންސިލަރުންނާއި ޑަބްލިޔުޑީސީތަކުގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމުގެ އިންތިޚާބެވެ. ކުރިން ފަސްކުރެވިފައިވާ މި އިންތިޚާބު ބާއްވަނީ 2026 އޮކްޓޫބަރު 31 ވާ ހޮނިހިރު ދުވަހުއެވެ.
ވޯޓުލުން ކުރިއަށްދާނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށެވެ. ވަގުތު ހަމަވާއިރު ކިޔޫގައި އިތުރު މީހުން ތިބިނަމަ ވޯޓުލުމުގެ ފުރުޞަތު ދޭނެކަމަށް އެލްޖީއޭއިން ބުނެއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 807 ފަރާތަކަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި 625 ކައުންސިލަރުންނާއި ޑަބްލިޔުޑީސީތަކުގެ 182 ރައީސުން ހިމެނެއެވެ. ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މި އިންތިޚާބުގައި 19 ވޯޓުފޮށި ބަހައްޓާނެއެވެ. މާލޭގައި ވޯޓުފޮށި ހުންނާނީ އެލްޖީއޭގައި ކަމަށާއި، އަތޮޅުތަކުގައި ސަރުކާރުގެ ޚިދުމަތު މަރުކަޒުތަކުގައި ވޯޓުފޮށި ބަހައްޓާއިރު، އައްޑޫ ސިޓީ ހުޅުދޫގައި ވޯޓުފޮށި ބަހައްޓާނީ ހުޅުދޫ އިޖްތިމާޢީ މަރުކަޒުގައި ކަމަށް އެލްޖީއޭއިން ބުނެއެވެ.
ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެއެވެ. ދެ އިންތިޚާބުގައި ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށާއި، އިންތިޚާބުގެ ވަގުތީ ނަތީޖާ މާދަމާ ރޭ އިޢުލާންކުރާނެ ކަމަށް އެލްޖީއޭއިން ބުނެއެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރާނީ ނޮވެމްބަރު 3 ގައެވެ.
މި އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމްވެސް ހަމަޖައްސާފައިވާ ކަމަށް އެލްޖީއޭއިން ބުނެއެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ފޯމެއް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ. ހުށަހަޅާ ޝަކުވާތަކަށް ޖަވާބުދޭނީ ފޯމުގައި ބަޔާންކުރާ އީމެއިލަށެވެ.






