Friday, October 30
ވަޅިން ބިރުދެއްކި މީހަކު 10 އަހަރަށް ޖަލަށް

ވަޅިއެއް ބޭނުންކޮށްގެން މީހަކަށް މަރުގެ އިންޒާރުދީ ބިރުދެއްކި މައްސަލައެއް ސާބިތުވެ، ޒުވާނަކު 10 އަހަރު ދުވަހަށް ޖަލަށްލުމާއެކު 750،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހުކުމް އިއްވާފައިވަނީ މާލެ، މ. ދާރުލްޤަރާރު، އިސްމާއީލް ވިޝާލްގެ މައްޗަށެވެ.

މިއީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު 14 ވަނަ ދުވަހު، މާލޭގެ އަސުރުމާގޯޅިން ހިނގާފައި ދިޔަ ނ. ލަންދޫއަށް ނިސްބަތްވާ މީހެއްގެ ފަހަތުން ގޮސް، ވަޅިއެއް ބޭނުންކޮށްގެން އޭނާއަށް މަރުގެ އިންޒާރުދީ ބިރުދެއްކި މައްސަލައެކެވެ.

ވިޝާލްގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލާފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގައެވެ.

ޝަރީޢަތުގެ މަރުޙަލާގައި އަނިޔާ ލިބުނު ފަރާތާއި އިތުރު ހެކިވެރިއަކު އެއްބާރުލުން ނުދޭ ހެކިންގެ ގޮތުގައި ކަނޑައަޅަން ޖެހުނު ނަމަވެސް، ފުލުހުންގެ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓާއި، ސީސީޓީވީ ފުޓޭޖްތަކާއި، ސިއްރު ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށް، އެ ޢަމަލު ހިންގީ ވިޝާލްކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޛިހުނީ އިއްވެވި މި ހުކުމުގައި، މި މައްސަލައިގެ ތަޙުޤީޤަށާއި ޝަރީޢަތަށް ވިޝާލް ބަންދުގައި ހޭދަކުރި 4 މަހާއި 11 ދުވަސް ޖަލު އަދަބުން އުނިކުރުމަށްފަހު، އޭނާ ތަންފީޛުކުރަންޖެހޭ ޖަލު މުއްދަތަކީ 9 އަހަރާއި 7 މަހާއި 19 ދުވަސް ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

މި މައްސަލައިގެ އިތުރުން، އެހެން ކުށެއް ސާބިތުވެގެން ވިޝާލް މިހާރުވެސް ދަނީ ތަންފީޛީ ބަންދެއް ފުރިހަމަކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު