ހިމަބިހީގެ ކޭސްއެއް ނުފެނި ހަފުތާއަކަށް ފަހު، މާލެ ސަރަހައްދުން އިތުރު ތިން މީހަކު މި ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެ ބަލި ވަނީ އިތުރު ތިން މީހަކަށް ޖެހިފައެވެ. އެއާއެކު، މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ ޖުމުލަ އަދަދު 290 އަށް އަރާފައިވެއެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެޗްޕީއޭއިން ބުނި ގޮތުގައި، ހަފުތާއެއް ވަންދެން މީހަކަށް ހިމަބިހި ޖެހިފައެއް ނުވެއެވެ.
ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް 17،256 މީހުންނަށް ވަނީ މީސަލްސް ވެކްސިން ޖަހާފައެވެ.
ރާއްޖޭގައި ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު ކަމަށްވީ ނަމަވެސް، 2020 ވަނަ އަހަރާއި 2023 ވަނަ އަހަރު ވެސް ބަލީގެ ވޭދަނަތަކެއް ފެންމަތިވެފައިވެއެވެ. މި އަހަރު ބަލި އަލުން ފެތުރެން ފެށީ މެއި މަހުގެ ތެރޭގައެވެ. އޭރު ކޮންމެ ހަފުތާއެއްގައި ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ނަމަވެސް، މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވާ މީހުންނާއި ބަލި ޖެހިފައިވާ މީހަކާ ދިމާވި ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މާލެ ސަރަހައްދުގެ ދަމަނަވެށި، ހުޅުމާލޭ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިންގެ ހިދުމަތް ލިބޭނެއެވެ.
ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ފަރުވާ ހޯދުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ.






