މުދާ ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގައި، 60،000 ރުފިޔާ އަތުލި ދެ މައްސަލައަކާ ގުޅިގެން ނ. އަތޮޅުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ، ޢަލީ ޢައްފާން (32އ) އާއި ނ. ހޮޅުދޫ، ޕްލާޒާ، މުޙައްމަދު ޙަމީދު (34އ) އަދި ނ. ވެލިދޫ، ވީނަސް، ޙައްސާނު ޢަލީ (34އ) އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި ތިން މީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު 2 ވަނަ ދުވަހު ފޭސްބުކް މާކެޓްޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި، ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން 30,000 ރުފިޔާ އަތުލާފައިވާ މައްސަލައެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 25 ވަނަ ދުވަހު ނ. ވެލިދޫން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ޢަލީ ޢައްފާނާއި މުޙައްމަދު ޙަމީދު ހައްޔަރުކޮށްފައިވަނީ އޮގަސްޓު 7 ވަނަ ދުވަހު ފޭސްބުކް މާކެޓްޕްލޭސްގައި އިންޖީނެއް ވިއްކާ ކަމަށް ބުނެ، މަކަރާއި ހީލަތުން 30,000 ރުފިޔާ އަތުލި މައްސަލައެއްގައެވެ. މި ދެ މީހުން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 24 ވަނަ ދުވަހު ނ. ހޮޅުދޫން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހައިދީފައިވެއެވެ.
ފުލުހުން ވިދާޅުވީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށެވެ.
އޮޅުވައިލައިގެން އޮންލައިންކޮށް ސްކޭމްކޮށްގެން 32،000 ރުފިޔާ އަތުލައިގަތް ކަމުގެ ތުހުމަތުގައިވެސް ތިން މީހަކު މި މަހު ހައްޔަރުކުރިއެވެ. ފުލުހުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފުތާގައި ސްކޭމްގެ 36 މައްސަލައެއްގައި 597،327 ރުފިޔާ 85 ލާރި ގެއްލިފައިވާއިރު، އޭގެ ތެރެއިން އަނބުރާ ހޯދުނީ 262،868 ރުފިޔާ 89 ލާރި އެވެ.






