Wednesday, October 28
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ މަޖިލީހަށް ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، މާދަމާ މެންދުރުފަހު 13:30 ގައި މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މިކަން އިއުލާންކުރެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ބުރާސްފަތި ދުވަހަކީ އާންމުކޮށް ޖަލްސާ ބާއްވާ ދުވަހެއް ނޫނެވެ.

ގާނޫނުގައިވާ ގޮތުން، ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ހިނގަމުންދާ އަހަރު ނިމުމުގެ މަދުވެގެން ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. ބަޖެޓު ފާސްކުރާނީ، މުޅި މަޖިލީހާއި ކޮމިޓީ މަރުހަލާގައި ބަހުސްކުރުމަށްފަހު، މަޖިލީހުން ގެންނަ އިސްލާހުތަކާއެކުގައެވެ.

އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގެ ޖުމްލަ އަދަދާއި ތަފުސީލުތައް ފިނޭންސް މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ބަޖެޓު ހުށަހެޅުމުން، ރިކަރަންޓް ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތައް ބެހިފައިވާ ގޮތާއި، މަޝްރޫއުތަކާއި މުސާރައާއި ލޯނު ދެއްކުމުގެ ޚަރަދުތަކުގެ ތަފުސީލު ހާމަވާނެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ބަޖެޓުން 48 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުގެ 76 ޕަސެންޓެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދަރަނި ދެއްކުމަށް މި އަހަރަށް ބަޖެޓުކޮށްފައިވަނީ 12.9 ބިލިއަން ރުފިޔާ ކަމަށްވާއިރު، އޭގެ ތެރެއިން 10.1 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފައެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މީގެ ކުރިން ވިދާޅުވެފައިވަނީ، މި އަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމަކީ އަމާޒު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު