ބަނގުރާ ބޭނުންކޮށް، ގެންގުޅެ ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީގެ ހިތަދޫއިން ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހަމްދަރުދީގެ / ސ. ފޭދޫ، ޢަލީ ރާޢިލް މުނީރު (23އ) އާއި ވައިލެޓްވިލާ / ސ. މަރަދޫފޭދޫ، މުޙައްމަދު ޝާމިޙު މަންޞޫރު (19އ) ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މި މަހުގެ 18 ވަނަ ދުވަހުގެ ރޭ އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ފުޅި ފެނިފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.






