ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީކުރަން ދީފައިވާ މުއްދަތު، އަންނަ އަހަރުގެ ޖަނަވަރީ މަހާ ހަމައަށް އިތުރުކޮށްފި ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.
މީގެކުރިން އޮތް ގޮތުން، ރީ-ރަޖިސްޓްރީކުރުމުގެ މުއްދަތު ހަމަވާން އޮތީ މި މަހުގެ 27 ގައެވެ. ނަމަވެސް ކޮމިޝަނުން މިއަދު ކުރި އިޢުލާނެއްގައި ބުނީ، ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީވުމަށް އިތުރު ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ، އައު ގަވާއިދުގެ ދަށުން ބާތިލުވާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.
ރީ-ރަޖިސްޓްރީވުމަށް މިހާތަނަށް 162 ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ރަޖިސްޓްރީ އައުކުރުމަށް ހުށަހެޅި 94 ފޯމާއި، އަލަށް ރަޖިސްޓްރީވުމަށް ހުށަހެޅި 68 ފޯމު ހިމެނެއެވެ.
ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ މީގެކުރިން އަދާކުރަމުން އައީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުންނެވެ. ނަމަވެސް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ގާނޫނާއެކު އެ ޒިންމާ ކޮމިޝަނާ ހަވާލުކުރުމާ ގުޅިގެން، ކޮމިޝަނުން ވަނީ ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ އައު ގަވާއިދެއް އެކުލަވާލައި ޝާއިޢުކޮށްފައެވެ.
އެ ގަވާއިދުގެ ދަށުން ނޫސް މަޖައްލާތައް ބަހާލާފައިވަނީ ނޫސް، މަޖައްލާ، ނިއުސްލެޓަރ އަދި ޖާނަލް ކަމުގައި 4 ގިންތިއަކަށެވެ. އައު ގަވާއިދުގެ ދަށުން ދޫކުރާ ރަޖިސްޓްރީއެއްގެ މުއްދަތަކީ 5 އަހަރެވެ.






