އަމިއްލަ ދިރިއުޅުމަށްޓަކައި ވިޔަފާރީގެ އުސޫލުން ކާބޯތަކެތި އުފައްދާ ވިއްކާ ގޭގެއަށް އަންނަ މަހު ޒިޔާރަތްކޮށް، ސަރވައިލަންސް އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ، މި އިންސްޕެކްޝަނަކީ އެ އޮތޯރިޓީގައި ދަފުތަރުކޮށްފައިވާ ފަރާތްތަކުން "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު" އަށް އަމަލުކުރަމުންދޭތޯ ބެލުމަށް ހިންގާ ޚާއްޞަ ހަރަކާތެއް ކަމަށެވެ.
މި އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް އެ އޮތޯރިޓީގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
މި ކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަދި 3034221 އަށް ގުޅުމަށް ވެސް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.
ގޭގޭގައި ކާބޯތަކެތި އުފެއްދުމަށްފަހު ފިހާރަތަކުގައި ބަހައްޓައިގެން ވިއްކާއިރު، އެ ތަކެތި ތައްޔާރުކުރާ ތަންތަނުގެ ސާފުތާހިރުކަމާއި ހާލަތާ މެދު އާންމުންގެ ކަންބޮޑުވުން އޮވެއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ، ރާއްޖޭގައި ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ކަށަވަރުކޮށް މިންގަނޑުތައް ހިފެހެއްޓުމުގެ މައިގަނޑު ޒިންމާ އަދާކުރާ ދައުލަތުގެ މުއައްސަސާއެވެ.






